ޚަބަރު
ބޭރުގެ އެހީ އާއި މާލީ ލުއި ގޮތްތައް ވަރަށް މުހިންމު: ޒަމީރު
ބައިނަލްއަގްވާމީ އެހީތެރިކަމާއި ފައިސާ ލިބޭނެ ލުއި ގޮތްތައް ހަމަޖެހުމަކީ ރާއްޖެ ފަދަ ގައުމުތަކަށް ވަރަށް މުހިންމު ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި މި އަހަރުގެ ގްލޯބަލް އިކޮނޮމިކް ޕޮލިސީ ފޯރަމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ކޮވިޑް 19ގެ ދުވަސްވަރުގައި ގިނަ ގައުމުތަކަށް ދަރަނި ނަގަން މަޖުބޫރުވި ކަމަށާއި މިހާރު އެ ގައުމުތަކަށް ކުރިމަތިވަނީ އެ ދަރަނި ބަލަހައްޓައިގެން މެނޭޖުކުރުމުގެ ގޮންޖެހުން ކަމަށެވެ.

އެހެންވެ، ދަރަނި ބެލެހެއްޓުމާއި އާމްދަނީ އިތުރުކުރުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދަން ޖެހޭކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

އޭގެ އިތުރުން ރާއްޖެ ފަދަ ގައުމުތަކުން މެދު ރާސްތާގެ މާލީ ހަމަޖެހުން ދަމަހައްޓަމުން ހަކަތަ އާއި ސާފު ބޯފެނާ ގުޅޭ ލަނޑުދަނޑިތައް ހާސިލުކުރަން ކުރާ މަސައްކަތްތަކަށް މާލީ ލުއި ގޮތްތަކާއި ބައިނަލްއަގްވާމީ އެހީތެރިކަން މުހިންމުކަން ޒަމީރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ޒަމީރު ވަނީ ރާއްޖެއިން ކަނޑައަޅާފައިވާ އިޔާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން 2028ގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ %33 އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރަން އަމާޒު ހިފާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ޒަމީރު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިގެ އިތުރުން ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ގޮތްތަކަށާއި މޫސުމީ ބަދަލުތަކަށް ވިސްނައިގެން އުމްރާނީ ތަރައްގީގެ މަޝްރޫއުއަކަށް އިންވެސްޓުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު