
ދަރުބާރުގޭގައި ޚިދުމަތް ދޭން ފެށީ، އަލިފާނުގެ ހާދިސާ ހިނގި ދެ އިމާރާތުގައި ހިންގި ހައުސިން މިނިސްޓްރީއާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އެވެ.މި އޮފީސްތައް ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ ބުރާސްފަތި ދުވަހު އެވެ. އެ މަސައްކަތް ނިންމައި މިއަދު މުވައްޒަފުން ވަނީ އޮފީހަށް ނުކުންނަން ފަށައިފަ އެވެ. ދަރުބާރުގެއަށް ހިދުމަތް ބަދަލުކުރި ބައެއް އޮފީސްތަކުގެ މުވައްޒަފުން ބުނީ ހިދުމަތް ފުރިހަމައަށް އަދި ދެވެން ނުފެށޭ ކަމަށެވެ."އެންމެ ބޮޑު މައްސަލައަކީ ޖެމްސްއަށް ވެސް ނުވަދެވޭކަން،" އޮފީހެއްގެ ވެރިޔަކު ވިދާޅުވި އެވެ.ޖެމްސްއަކީ ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމެވެ.އެހެން މުވައްޒަފަކު ބުނީ އޮފީހުގެ ސާވާގައި ހުރި މައުލޫމާތު ރިކަވާ ނުކުރެވޭތީ، މަސައްކަތްތަކަށް ލަސްކަމެއް އަންނާނެ ކަމަށާއި ނަަމަވެސް އެކަންކަން ވެސް އަވަހަށް ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.މި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ ހިންގި އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ. އޭގެ ސަބަބުން މުހިންމު ލިޔެކިޔުންތައް ގެއްލި ގިނަ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ.މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދުމަށް ފުލުހުން ވަނީ ނިންމައިފައެވެ.