ޚަބަރު
ހުރިހާ ގައުމެއްގެ ވެއްޓަށް ފެތޭ ސިޔާސަތެއް މުހިއްމު: ނައިބު ރައީސް
ދުނިޔެ ހޫނުވާ މިންވަރު ކުޑަކޮށް، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި ހުރިހާ ޤައުމުތަކުގެ ވެއްޓަށް ފެތޭ، ބަދަލުވެވޭނެ އިންސާފުވެރި މޫސުމީ ސިޔާސަތެއް، މުހިންމުކަމަށް ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ތިންވަނަ ބައްދަލުވުން އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ފޯރަމުގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވަނީ، "ކަނޑުގެ ދަރީން"ގެ ގޮތުގައި ދިވެހިންގެ ޝަހް ބިނާކުރުމުގައްޔާއި، ދިވެހިންގެ އިޤްތިޞާދު ބައްޓަންކުރުމުގައި ކަނޑުގެ ދިރުންތައް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި، ފަތުރުވެރިކަމާއި މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އާމްދަނީގައި އަސާސީ ހިއްސާދާރުންކަން ފާހަގަކުރައްވާފަ އެވެ. އަދި ގަވާއިދާ ހިލާފަށް ކުރާ އައި.ޔޫ.ޔޫ (އިލީގަލް، އަންރިޕޯޓަޑް އެންޑް އަންރެގިއުލޭޓަޑް) މަސްވެރިކަމުން ދިވެހި މަސްކަނޑުތަކުގެ ސްޓޮކް ނުރައްކަލަށް ހުށަހެޅި، ދިވެހި މަސްވެރިންގެ އާމްދަނީ ހިރާސްވެ، ކާބޯތަކެތީގެ ރައްކާތެރިކަމަށްވެސް އަސަރުކުރާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އަދި ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމުގެ ސަބަބުން، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްދޭކަން ފާހަގަކުރައްވަމުން، މިއީ ދެމެހެއްޓެނިވި މަސްވެރިކަމަށްޓަކައި ޤާނޫނުގައި މަޖުބޫރުކުރާ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ނާއިންސާފު މިންވަރަކަށް ތަހައްމަލުކުރަންޖެހޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް އަހުލުވެރިވެ ހޭނުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ރާއްޖެއިން މަސައްކަތްކުރަމުންދަނީ، މަދު ވަޞީލަތްތަކެއް ބޭނުންކޮށްގެންކަން ހާމަކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ، ބްލޫ އިކޮނޮމީގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީއަށް، ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާފަ އެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވައި، ބަރޯސާވެވޭ ބައިވެރިއެއްގެ ގޮތުގައި ޗައިނާއިން އަދާކުރާ ދައުރަށްޓަކައި ޝުކުރު އަދާކުރައްވަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު