
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ވެމްކޯ، ސަދަން އޮޕަރޭޝަންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާފިއު ވިދާޅުވީ ރަށްތަކުގައި ވެމްކޯގެ ޚިދުމަތް ފަށަނީ، ކުނި މެނޭޖުކުރުމުގެ ޚިދުމަތް ފަށަން އެ ރަށެއްގެ ކައުންސިލުން ވެމްކޯއާއެކު ޕާޓްނާޝިޕް އުސޫލުން ކުރާނެ އިންވެސްޓަށް ވެސް ބެލުމަށް ފަހު ކަމަށެވެ.އޭނާ ވިދާޅުވި ގޮތުގައި މި ފެށޭ 2025ވަނަ އަހަރު ވެސް ވެމްކޯގެ ޚިދުމަތް އިތުރު ރަށްތަކަށް ފުޅާކުރުމުގެ މަސައްކަތް ކުރިޔަށްދާނެއެވެ. އެހެން ނަމަވެސް މި ވަގުތު އެ ކުންފުނިން އަލަށް ރަށެއްގައި ޚިދުމަތް ފެށުން ބިނާވެފައި އޮތީ ކައުންސިލުން އެކަމަށް އެދޭ މިންވަރަކުން ކަމަށް ވިދާޅުވިއެވެ."...ޕާޓްނާޝިޕް އުސޫލަކުން މި ދަނީ. އަޅުގަނޑުމެންނަކަށް ހަމަ ސީދާ ގޮސްފައި، [ޚިދުމަތް] ނުއެއް ފެށޭ. ކައުންސިލްތަކުން ކިހާވަރެއްގެ އިންވެސްޓްމަންޓެއް، ނޫނީ ކިހާ ވަރަކަށް ރެޑީތޯ އަޅުގަނޑުމެން ޝާމިލްކޮށްގެން ޚިދުމަތް އެ ރަށެއްގައި ފަށަން. އެ ކޮންޓްރިބިއުޝަނަށް ވެސް ބޭސްކޮށްފައި އަޅުގަނޑުމެން މި ޚިދުމަތް ފަށަނީ" ޝާފިއު ވިދާޅުވިއެވެ.މާލެ ސަރަހައްދުގައި ކުނީގެ ބިލާއި ކަރަންޓު ބިލް އެއްކޮށްލީ މިދިޔަ އަހަރު އެވެ. އޭރު ބިލް އެއްކޮށްލީ ބައެއް މީހުން ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ބޮޑުވެގެން އެކަމަށް ހައްލެއް ހޯދުމަށެވެ.