މުވައްޒަފުންނަށް ހައްގުވާ ޕެންޝަން ފައިސާ ނުދައްކާ ކަމަށް ވެމްކޯ އިން އެއްބަސްވެއްޖެ
ސަރުކާރު ކުންފުނި، ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ)އިން ޕެންޝަނަށް ވާ ފައިސާ މުވައްޒަފުންގެ މުސާރައިން އުނިކުރި ނަމަވެސް، އެ ފައިސާ ފަންޑަށް ޖަމާނުވަނީ، އެ ކުންފުނީގެ އިންވޮއިސްތަކަށް ލިބެން ޖެހޭ ފައިސާތައް ނުލިބޭތީ މާލީ ގޮތުން ދަތިވުމުން ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
ވެމްކޯއިން ޕެންޝަނަށް ފައިސާ ނުދައްކާކަން ހާމަވީ އެންމެފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީހާއި އަދަދު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އާރުޓީއައި އެކްޓިވިސްޓު، އަފްރަހު އިސްމާއިލް ހުށަހެޅި ސުވާލުގެ ޖަވާބުގައި ޕެންޝަން އޮފީހުން ދިން މައުލޫމާތުންނެވެ.އެ މައުލޫމާތުން އެނގޭ ގޮތުގައި އިން ޕެންޝަނަށް އެންމެފަހުން ފައިސާ ދައްކާފައި ވަނީ އޮކްޓޫބަރު 16، 2024 ގަ އެވެ. އޭގެފަހުން މި ފާއިތުވި 14 މަސްދުވަހު ވެސް ވެމްކޯއިން ޕެންޝަނަށް ފައިސާ ދައްކައިފައެއް ނުވެ އެވެ.އެކަމާ ގުޅިގެން، ފޭސްބުކްގައި ވެމްކޯއިން އާންމުކުރި ބަޔާނެއްގައި ބުނީ، ކުންފުނީގެ ހިންގުމުގެ ހަރަދުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ އާއި އެހެންނިހެން އިނާޔަތްތައް ދެމުން ގެންދަނީ، އެ ކުންފުންޏަށް ލިބޭ އާމްދަނީ އާއި ސަރުކާރުން ދޭ ސަބްސިޑީގެ ފައިސާއިން ކަމަށެވެ.
"ނަމަވެސް، އެކި ފަރާތްތަކުން މި ކޯޕަރޭޝަނުން ހޯދި ހިދުމަތްތަކަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.މީގެއިތުރުން، ޕެންޝަން ފައިސާ ޖަމާކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ޕެންޝަން އޮފީހާއެކު ވެސް އެކި ފަހަރުމަތިން މަޝްވަރާތައް ކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މި ދަތިތަކާ އެކު ވެސް މުވައްޒަފުންނަށް ހައްގުވާ ޕެންޝަން ފައިސާ، އަވަސް މުސްތަގުބަލެއްގެ ތެރޭގައި ޖަމާކުރާނެކަމުގެ ޔަގީންކަން ވެމްކޯއިން ވަނީ ދީފަ އެވެ. ޕެންޝަނަށް ފައިސާ ނުދައްކާ އޮތް އިރު އެ ކުންފުނީގައި މިވަގުތު 2،000 އަށް ވުރެ ގިނަ މުަވައްޒަފުން މަސައްކަތް ކުރެ އެވެ.
ޕީސީބީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުން 2024 ވަނަ އަހަރު އެކުންފުންޏަށް ވަނީ 138 މިލިއަން ރުފިޔާގެ ގެއްލުން ލިބިފަ އެވެ.