ޕެންޝަން އޮފީހުުގައި ޗެއާމަނެއްގެ އިތުރުން މުހިންމު މަގާމުތައް ހުސްވެފައިވާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް، އެ އިދާރާއަށް އައު ޗެއާމަނެއް މިއަދު އައްޔަންކޮށްފި އެވެ.
ޗެއާޕާސަންގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިދިޔަ ފެބްރުއަރީ މަހު އިސްތިއުފާދެއްވުމުންނެވެ.
ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރާ މެމްބަރެއްގެ ހައިސިއްޔަތުން މަޖީދު ޕެންޝަން އޮފީހުގެ ބޯޑަށް އައްޔަނުކުރައްފައިވަނީ ފެބްރުއަރީ 10، 2022 ގަ އެވެ.
މަޖީދަކީ އޮޑިޓް އަދި ފައިނޭންޝަލް ކޮންސަލްޓަންސީ ފޯރުކޮށްދޭ ރެޖިސްޓާޑް އޮޑިޓް ކުންފުންޏެއް ކަމަށްވާ އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިން ޑައިރެކްޓަރެވެ. މީގެ ކުރިން އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބޯޑު މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި ބީއެމްއެލް އާއި ބޭންކް އޮފް ސިލޯންގައި މަސައްކަތްކުރެއްވި އެވެ.
ޕެންޝަން އޮފީހުން މިއަދު ވަނީ ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ބޯޑުގެ މެންބަރަކަށް އައްޔަނުކޮށްފަ އެވެ.ފާހަގަކުރެވޭ ގޮތުގައި، ޕެންޝަން ބޯޑުގައި ގިނަ އިސް ބޭފުޅުން އިސްތިއުފާދެއްވީ ރައްޔިތުންގެ ރިޓަޔާމަންޓަށް ފައިސާ ރައްކާތެރިކޮށް, އިންވެސްޓް ކުރާ, ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައެވެ.އެގޮތުން، ޕެންޝަން ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރެއްވި މާލީ ތަޖުރިބާކާރު ސަރުވަޝް އާދަމާއި، އެ ބޯޑުގެ ސީއީއޯ ސުޖާތާ ޙަލީމާއި، ސީއެފްއޯ ޙައްވާ ފަޖުވާގެ އިތުރުން، ޗެއާޕާސަން ޑރ. އަޙްމަދު އިނާޒް ވަނީ ފެބްރުވަރީ މަހު އިސްތިއުފާދެއްވައިފައެވެ. އެ މަގާމުތަކަށް މީހުން އައްޔަންކުރަން ޕެންޝަން އޮފީހުން އިއުލާނުކުރި ނަމަވެސް، ތަރުހީބު ވަރަށް ފިންޏެވެ.