ޕެންޝަން ފަންޑަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނެ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އަލަށް އައްޔަންކުރި ޔަޒްމީދު މުހައްމަދު ވިދާޅުވެއްޖެ އެވެ. 
ޕެންޝަން އޮފީހާ ގުޅޭގޮތުން ޔަޒްމީދު ވާހަކަދައްކަވާފައި މިވަނީ އެމްއެމްއޭގެ އިންވެސްޓްމަންޓެއްގައި ސަރުކާރުގެ ފިއްތުއްތަކާ ގުޅިގެން ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރަން އުޅޭ ކަމަށް ބުނެ އާންމުންގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ވަގުތެއްގަ އެވެ.
ޕެންޝަން އޮފީހުގެ މުވައްޒަފުންނާ ވާހަކަދައްކަވަމުން ޔަޒްމީދު ވިދާޅުވީ ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޕެންޝަން ފަންޑް ބެލެހެއްޓޭނެ ގޮތްތަކެއް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ޕެންޝަން އޮފީހުގެ މަސައްކަތްތައް އެ އަމާޒަށް ވާސިލުވާނޭހެން އިންތިޒާމުކުރާނަން،" ޔަޒްމީދު ވިދާޅުވި އެވެ.މި ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުންކަން ފާހަގަކުރައްވަމުން، ޔަޒްމީދު ވިދާޅުވީ އެއްވެސް މުވައްޒަފަކު މާޔޫސްވިޔަނުދީ ހުރިހާ މުވައްޒަފުންނަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.
ޕެންޝަންގެ ކަންތައް ބަލަހައްޓާ އޮފީހުގެ ސީއީއޯގެ މަގާމު ހުސްވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި ޝުޖާތާ ހަލީމް މިިދިޔަ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވުމުންނެވެ.
އޭނާ އިސްތިއުފާ ދެއްވީ ޕެންޝަން އޮފީހުން ސަރުކާރަށް ވިއްކި 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމާ ގުޅިގެން އިގްތިސާދީ ދާއިރާ ގިނަ ބަޔަކު ފާޑުކިޔަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.