
ޔަޒްމީދު ވިދާޅުވީ އެ އޮފީހަށް މިވީ 17 އަހަރުގެ ތެރޭގައި ޕެންޝަން ފަންޑަށް ޖަމާވެފައި ވަނީ 30 ބިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕެންޝަން ސްކީމުގެ މެންބަރުންގެ ފަރާތުން ޖަމާކުރި ފައިސާ އާއި އިންވެސްޓްމަންޓްތަކުން ލިބުނު ފައިދާ އެވެ.ޔަޒްމީދު ވިދާޅުވި ގޮތުގައި އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ އަދަދު ދެ ގުނަ ކުރެއްވުމެވެ."ކުރިއަށް އޮތް 5އަހަރު ތެރޭ 60 ބިލިއަން ރުފިޔާއަށް އިތުރުކުރުނާ އަމާޒަކީ. އެ އަމާޒަށް ވާސިލުވުމަށްޓަކައި އިންވެސްޓްކުރެވޭނެ އިތުރު ފުރުސަތުތައް ހޯދައިގެން ފަންޑު މިހާރަށް ވުރެ ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ނަފާ މެންބަރުންނަށް ލިބޭނެ ގޮތަށް އެ އޮފީހުގެ ހިންގުމުގެ ނިޒާމު މިހާރު ވަނީ ތަރުތީބުކޮށްފައި،" ޔަޒްމީދު ވިދާޅުވި އެވެ. ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ ފަރާތެއްވެސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކޮށް އެފައިސާ ޖަމާކުރަން ލާޒިމް ކުރެއެވެ. މި ޤާނޫނުގެ ދަށުން ފާސްކޮށްފައިވާ ގަވާއިދާ އެއްގޮތަށް، ވަޒީފާ އަދާކުރާ ފަރާތުގެ އަސާސީ މުސާރައިގެ މަދުވެގެން 7 އިންސައްތަ ވަޒީފާ އަދާކުރާ ފަރާތުން، އަދި މަދުވެގެން 7 އިންސައްތަ ވަޒީފާ ދޭ ފަރާތުން، ކޮންމެ މަހަކުވެސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރަން ޖެހެއެވެ.