ވިޔަފާރި
ވެމްކޯގައި އަމިއްލަ ކުންފުނިތަކަށް ނުދީ ހުރި ފައިސާ އަދަދު މިލިއަނުން ގުނޭ!
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް
އަމިއްލަ ގިނަ ކުންފުންނިތަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދައްކަންޖެހޭ ފައިސާ ނުލިބި އަމިއްލަ ވިޔަފާރިތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

މިއީ މިހާރު ވަރަށް ގިނަ ވިޔަފާރިވެރިން ކުރަމުން އަންނަ ޝަކުވާއެކެވެ. ހާއްސަކޮށް ސަރުކާރުގެ ކުންފުނިތަކުން އަދި ދައުލަތުގެ އެކިއެކި އިދާރާތަކުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައި ނުދައްކާ އެތައް އަހަރެއް ލަސްކުރާ މައްސަލައިގައި އަމިއްލަ ކުންފުނިތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

ވެމްކޯ އިން އަމިއްލަ ކުންފުންނަކަށް ދައްކަންޖެހޭ ފައިސާ އާއި ގުޅޭގޮތުން ވިޔަފާރިވެރިއަކު ބުނީ އެމީހުން ލައްވާ ވެމްކޯއިން ކުރުވި މަސައްކަތައް ދައްކަންޖެހޭ ފައިސާގެ އަދަދު ދެ މިލިއަނާ ގާތް ކުރާ ކަމަށާއި އެ ފައިސާ ހޯދަން ވެމްކޯ ދަށަށް ހިގާތައި މިހާރު އެތައް އަހަރެއް ވެއްޖެ ކަމަށެވެ.

"ބުނަނީ ބަލަނީ އަންނަ ހަފްތާ އަށް ބަލަމާ، މީރާއިން ދޭން ހުރި ލާރިކޮޅު ނުދީގެން، މީރާއަށް ޖީއެސްޓީ ނުދެއްކިގެން މި އުޅެނީ،" ވެމްކޯއިން ލާރި ކޮޅު ނުލިބިގެން އުޅޭ މެދު ފަންތީގެ އަމިއްލަ ކުންފުންޏެއްގެ ވެރިޔަކު ބުންޏެވެ.

ވެމްކޯ އިން ލައްކަ ޒަމާން ވަންދެން އިންވޮއިސްތަކަށް ފައިސާ ނުދީ ލަސްކުރަމުން ގޮސް، ހަފްތާތައް މަސްތަކަކަށް އަދި މަސްތައް އަހަރުތަކަކަށް ބަދަލުވީ އެވެ. 

އެސްއޯއީތަކާއި ސަރުކާރުގެ މުއައްސަސާތަކުން ދޭން ޖެހޭ ލާރިކޮޅު ހޯދަން މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީ އެވެ. މި އަހަރު ނިމެން ކައިރިވެފައި އޮތްއިރު އަދި މިދިޔަ އަހަރުގެ އެންމެ ބިލަކަށް ވެސް ފައިސާ ނުލިބޭ ކަމަށް އެ ވިޔަފާރިވެރިޔާ ބުންޏެވެ. 

"އަހަރެމެންގެ އެކައުންޓު ފެނިއްޖެއްޔާ މީހަކު ގޮސްވާނެ، ހަމަ 2000 ރުފިޔާ ވެސް ނެތް، ހަމަ ވަރަށް ހާލުގައި މިތިބީ މުވައްޒަފުންގެ މުސާރަ ވެސް މި ދެނީ މިހާރު ލޭންދޭނަށް މީހުން އަތުން ފައިސާ ނަގައިގެން،" އިތުރު ފިއްތުންތަކެއް ކުރިމަތިވެދާނެތީ އަމިއްލަ ނަމާއި ކުންފުނީގެ ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި އެ ވިޔަފާރިވެރިޔާ ބުންޏެވެ.

އަމިއްލަ ދެ ކުންފުންޏަކަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ވެމްކޯ ގެ މައްޗަށް ސިވިލް ކޯޓުން މިފަހުން ވެސް ވަނީ ހުކުމްކޮށްފަ އެވެ.

ސިވިލް ކޯޓުން މި މަހު ކުރީކޮޅު ވެމްކޯގެ މައްޗަށް ހުކުމްކުރީ ލިއޯ ސްޓޯސް އެންޑް ސަޕްލައި ޕްރައިވެޓް ލިމިޓެޑާއެކު އެ ކުންފުނިން ވެފައިވާ ވިޔަފާރި އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ 3.48 މިލިއަން ރުފިޔާ ދެއްކުމަށެވެ.

މިދިޔަ މެއި 6، ގައި ސިވިލް ކޯޓުގައި ރަޖިސްޓްރީކުރި އެ މައްސަލައިގައި ލިއޯ ސްޓޯސް އެންޑް ސަޕްލައި އިން ވެމްކޯއިން ދައްކަން ޖެހޭ ފައިސާގެ އިތުރުން އިންޓްރެސްޓަށްވާ ފައިސާ ހޯދަން އެދުނު ނަމަވެސް، އެފަދަ ގާނޫނީ އަސާސެއް ލިއޯ ސްޓޯސް އެންޑް ސަޕްލައިއަށް ދެއްކިފައި ނުވާތީ އެ ފައިސާ ނުލިބެ އެވެ.

ވެމްކޯއިން ލިއޯ ސްޓޯސް އެންޑް ސަޕްލައިއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް 12 މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވެމްކޯއިން އެދުނު ނަމަވެސް، ސިވިލް ކޯޓުން ހުކުމްކުރީ އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށެވެ.

ވިޔަފާރިވެރިޔާ ބުނި ގޮތުގައި އާންމުކޮށް އެސްއޯއީތަކަށް ކުރެޑިޓަށް މުދާ ދެނީ ފައިސާ ދައްކަން 30 ދުވަހުގެ މުއްދަތަކާ އެކީގަ އެވެ. ނަމަވެސް އެ މުއްދަތު ފަހަނައަޅައި ދާއިރު ވެސް އެންމެ ރުފިޔާއެއް ވެސް ނުލިބެ އެވެ. ޖީއެސްޓީ ދެއްކޭ ފަހަރުތަކުގައި އެކަން ކުރެވެނީ ޖޫރިމަނާ އަރާ ފަހުންނެވެ. 

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން އަދި މިނިސްޓްރީތަކުން ވެސް އަމިއްލަ ފިޔަފާރިތަކުން ހިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ މައްސަލަ ބޮޑެވެ. އެގޮތުން ސިވިލް ކޯޓު މެދުވެރިކޮށް އަމިއްލަ ކުންފުނިތަކުން އަންނަނީ އެ ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު 5-6 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެ ފައިސާ މި އަހަރުގެ ތެރޭގައި ދެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު