ޚަބަރު
ވިއްސާރައިގައި މާލޭގެ ގެތަކަށް ތިން މިލިއަން ރުފިޔާގެ ގެއްލުން
މާލޭގައި ފެންބޮޑުވެފައި -- ފޮޓޯ/ ސަން
މިދިޔަ ހުކުރު ދުވަހު މާލެ އާއި އަތޮޅުތަކަށް ކުރި ގަދަ ވިއްސާރައިގައި މީހުން ދިރިއުޅޭ ގޭގެއަށް ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާ ކަމަށް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފި އެވެ.

އެންޑީއެމްއޭއިން ވަނީ ހުކުރު ދުވަހުގެ ވިއްސާރައާ ގުޅޭ އެންމެ ފަހުގެ އަދާހަމަތައް ހާމަކޮށްފައެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި އަތޮޅުތެރޭގެ ރަށްތަކުގައި މީހުން ދިރިއުޅޭ ތަންތަނަށް ލިބުނު ގެއްލުން އަށް ލައްކައަށް އަރައެވެ.

ހުކުރު ދުވަހުގެ 00:00 އިން ހޮނިހިރު ދުވަހުގެ 00:00އާ ހަމައަށް 161.9 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މިއީ 24 ގަޑިއިރު ތެރޭގައި މާލެއަށް އެހާ ބޯކޮށް ވާރޭ ވެހުމުގެ ރިކޯޑު އަދަދެއް ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. ހަމައެއާއެކު ހުކުރު ދުވަހުގެ 15:00އިން 18:00އާ ހަމައަށް ތިން ގަޑިއިރު ތެރޭގައި 109.8 މިލިމީޓަރުގެ ވާރޭ ވަނީ މާލެއަށް ވެހިފައެވެ. އެންޑީއެމްއޭއިން ބުނީ މިއީ ތިން ގަޑިއިރު ތެރޭގައި މާލެއަށް އެހާ ބޯކޮށް ވާރޭ ވެހުމުގެ ރެކޯޑެއް ކަމަށެވެ.

މާލޭގައި ފެންބޮޑުވުމުގެ ހާދިސާއަށް އިޖާބަދިނުމުގެ ގޮތުން އެންޑީއެމްއޭއިން ވަނީ މާލޭ ސިޓީ ކައުންސިލަށް 20،000 ގޯނި، ވެލިބަސްތާ ޖެހުމަށް ފޯރުކޮށްދީފައެވެ. އެ ހާދިސާގައި އެހީތެރިކަމަށް އެދި 740 ތަނަކުން ރިޕޯޓުކުރިއިރު، އޭގެ ތެރޭގައި ގޭގެއާއި އެކިއެކި ވިޔަފާރިތަކާއި، ސްކޫލްތަކާއި، ގުދަންތައް ހިމެނޭ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ވިއްސާރައިގައި އުދަ އެރުމުގެ ސަބަބުން ރ. އިނގުރައިދޫ އަދި ށ.ނަރުދޫ އިން ރިޕޯޓް ކޮށަފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

"ފެންބޮޑުވުމުގެ ހާދިސާގައި މާލޭގެ ގޭގެއަށް ލިބުނު ގެއްލުމުގެ ޖުމްލަ 2.2 މިލިއަން ރުފިޔާއަށް އަރާ... އަތޮޅު ތެރޭ ރަށްރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 800،000ރ. އަށް އަރާ،" އެންޑީއެމްއޭއިން ބުންޏެވެ. 

ފެން ބޮޑުވެގެން ރިޕޯޓްކުރި ރަށްތައް

  • ފ. ނިލަންދޫ
  • ދ. ކުޑަހުވަދޫ
  • ދ. މީދޫ
  • ފ. މަގޫދޫ
  • އދ. މާމިގިލި
  • ކ. ގުރައިދޫ
  • ފ. ފީއަލި
  • ކ. ހިންމަފުށި
އެންޑީއެމްއޭ އިން ބުނި ގޮތުގައި މީގެ ތެރެއިން ހަތަރު ރަށެއްގެ 73 ގެއަކަށް އެކިވަރުގެ ގެއްލުންވެގެން އެސެސްމަންޓް ފޯމް ހުށަހަޅާފައިވެ އެވެ.

އެންޑީއެމްއޭ އިން ބުނީ އަތޮޅުތަކުގެ ރަށްރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން އަށް ލައްކަ ރުފިޔާއަށް އަރާ ކަމަށާއި މީގެ ތެރޭގައި ދަނޑު ބިންތަކާއި ވިޔަފާރިތައް އަދި ގުދަންތަކަށް ލިބުނު ގެއްލުން ނުހިމެނޭ ކަމަށެވެ.

އެސެސްމަންޓަށް ފަހު ގޭބިސީތަކަށް މާލީ އެހީތެރިކަން ދިނުމުގެ މަސައްކަތް އުސޫލުތަކާ އެގޮތަށް ކުރިއަށް ދާނޭ ކަމުގެ ޔަގީންކަން ވެސް އެންޑީއެމްއޭއިން ދިނެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު