ޚަބަރު
ފަޒުލްގެ ގެއިން ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ ދީފި
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ފުލުހުން ބަލައި ފާސްކުރިއިރު، ފެނުނު 1.4 މިލިއަން ރުފިޔާ އޭނާއާ އަނބުރާ ހަވާލުކޮށްފި އެވެ.

ފަޒުލްގެ ގެ ބަލައި ފާސްކުރިއިރު އެ ގެއިން 1.4 މިލިއަން ރުފިޔާ ފެނުނު ވާހަކަ ފެންމަތިވީ ޖަނަވަރީ ފަސްވަނަ ދުވަހެވެ.

ފުލުހުން މިއަދު މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގޯތި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެ ފައިސާގެ ވެރިފަރާތަށް ފައިސާތައް އަނބުރާ ދީފައިވާ ކަމަށެވެ. 

އެ އަށް ވުރެ އިތުރަށް ފުލުހުން އެ މައްސަލާގައި މީޑިއާއާ އަދި ވާހަކައެއް ނުދައްކަ އެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުން ކުރިން ބުނީ، މި މައްސަލައިގައި ފަޒީލާ ސުވާލުކޮށްފައި ވާނެ ކަމަށެވެ. ގޯއްޗަށް ޝަރުތު ހަމަނުވުމުން އެކަމުގެ ޝަކުވާ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާ ކުރެއްވި ކަމަށް ފަޒީލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ބޮޑު ތުހުމަތެއް ކުރެވެނީ ފަޒުލްއަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފަޒުލް ކުރިން ވިދާޅުވީ، އެ ކަމުގައި އޭނާގެ މަސްލަހަތެއް ނެތް ކަމަށާއި، އެފަދަ މައްސަލައެއް ފެންމަތިވީ އޭނާގެ ބޭބެއާ ގުޅޭ ގޮތުން ކަމަށްވުމަކީ އިއްތިފާގެއް ކަމަށެވެ.

މި މައްސަލައިގައި ފަޒުލް ސަސްޕެންޑުކުރި ފަހުން އޭނާ ވަނީ ތަހުގީގަށް ފުރުސަތު ދެއްވަން ކަމަށް ވިދާޅުވެ، އަމިއްލައަށް މަގާމުން އިސްތިއުފާދެއްވައިފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު