ޚަބަރު
ރިޔާސީ ބަޔާން: ގެދޮރުވެރިކަމުގެ ލޯނު ޖުލައި މަހު ދޫކުރަނީ
ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބަޔާން އިއްވަވަނީ - ފޮޓޯ/މަޖިލިސް
ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރަން ނިންމާފައިވާ މަސަައްކަތްތަކުގެ ތެރޭގައި ހިމެނޭ ހައުސިން ލޯން މިއަހަރުގެ ޖުލައި މަހުން ފެށިގެން ދޫކުރަން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

މިއީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ދޫކުރާ ލޯނެކެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އަމިއްލަ ގޯތީގައި އިމާރާތްކުރުމަށް %5 އިންޓަރެސްޓުގައި ދޫކުރާ މި ލޯނު ޖުލައި މަހު ދޫކުރަން ފެށުމުން، ދިރިއުޅުން ބިނާކުރުމަށްޓަކާ އާންމު ރައްޔިތުންނަށް 1 ބިލިއަން ރުފިޔާގެ ލޯނު ދޫކުރާނެ ކަމަށެވެ.

"މި ލޯނު ސްކީމްގެ ދަށުން މާލޭގައި ނަމަ 6 މިލިއަން ރުފިޔާއާ ހަމައަށް އަދި ބެހެނިވެރިން އެކުވެގެން ނަމަ 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ،" ރައީސް ވިދާޅުވި އެވެ.

"މީގެ އިތުރުން، ދެމެހެއްޓިނިވި އާބާދީ އާއި ތަރައްގީގެ ވިސްނުމުގެ ދަށުން ކަނޑައެޅިފައިވާ ރަށްރަށުގައި 3 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ. އަދި އެހެނިހެން ރަށްރަށުގައި 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ."

މި ލޯނުގެ ބޭނުންކޮށްގެން މުޅިން އަލަށް ގެއެއް އިމާރާތްކުރުމާއި ހަދަންފަށާ ނުނިމިހުރި ގެއެއް ނަމަ ނިންމުމާއި ހަދާފައި ހުރި ގެއެއް ނަމަ މަރާމާތު ކުރެވޭނެ އެވެ.


"މިގޮތުން ނަގާ ލޯނުގެ ބޭނުންކޮށްގެން މުޅިން އަލަށް ގެއެއް އިމާރާތްކުރުމާ، ހަދަންފަށައިފައި ނުނިމި ހުރި ގެއެއް ނަމަ، ނިންމުމާއި، ހަދައިފައި ހުރި ގެއެއްނަމަ މަރާމާތުކުރަން ވެސް ބޭނުންކުރެވިދާނެ. މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެ ރައްޔިތެއްގެ ފުރަތަމަ ގެއަށް ހަރަދުކުރުމަށް ހުޅުވާލެވޭ ވަރަށް ބޮޑު ފުރުސަތެއް،" ރައީސް ވިދާޅުވި އެވެ. 

މިދިޔަ ނޮވެމްބަރުގައި އިފްތިތާހުކުރި ހިޔާވެހި ސްކީމުގެ ދަށުން ދޫކުރާ ލޯނުތައް ބަހާލާފައިވަނީ ތިން ގިންތިއަކަށެވެ. އެއީ:


ހިޔާވެހި ރަށްވެހި (ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަ)

  • އެންމެ ބޮޑުކޮށް ކޮންމެ އެޕްލިކޭޝަކަށް ދޫކުރާނީ އެއް މިލިއަން
  • އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ
  • ނޮމިނަލް ކޮންޓްރިބިއުޝަނެއްގެ ގޮތުގައި މިނިސްޓަރީން އާންމު ކުރާ ރަސްމީ އަގުތަކާ އެއްގޮތަށް ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު ނެގޭނެ
  • ހިޔާވެހި ސަހަރު (އާބަން ސެންޓަރުތަކަށް ހާއްސަ)

އެންމެ ބޮޑުކޮށް ކޮންމެ އެޕްލިކޭޝަކަށް ދޫކުރާނީ ތިން މިލިއަން

  • ފަސް ޕަސެންޓުގެ އިކުއިޓީއެއް ދައްކަންޖެހޭނެ
  • މި ވަސީލަތްތަކަކީ ހުސް ބިމެއްގައި އިމާރާތް އަޅަން ނުވަތަ ނުނިމި ހުރި އިމާރާތެއް އެއްކޮށް ނިންމުމަށް ނުވަތަ ބާވެފައިވާ އިމާރާތެއް މަރާމާތު ކުރުމަށް ހަމަޖައްސާ ފައިސާ ކަމަށް ވާތީ ދޫކުރެވޭ ޖުމުލަ އަދަދުން މަޝްރޫއު އެއްކޮށް ނިންމޭވަރު ވާންޖެހޭނެ
  • ހިޔާވެހި ފުރަމާލެ (މާލެ ސަރަހައްދަށް ހާއްސަ)

އެންމެ ބޮޑުކޮށް ކޮންމެ އެޕްލިކޭޝަކަށް ދޫކުރާނީ ހަ މިލިއަން

  • 10 ޕަސެންޓުގެ އިކުއިޓީއެއް ދައްކަންޖެހޭނެ
  • ކުދިން ބިންކޮޅުތަކެއް އެއްކޮށްލައިގެން އިމާރާތް ކުރުމަށް ހުށަހަޅާ ފަރާތްތަކަށް ފުރަމާލެއަށް ދޫކުރާ ލޯނު ދިނުމުގައި އިސްކަން ދެވޭނެ
  • އެގޮތުން އެއް ކުރެވޭނީ 600 އަކަފޫޓަށްވުރެ ކުދި ބިން
އެފަދަ ފަރާތްތަކަށް ހަ މިލިއަން ރުފިޔާގެ އިތުރުން އެއްކުރެވޭ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ އިތުރު ކުރެވޭނެ، ނަމަވެސް މި އުސޫލުން އެންމެ ބޮޑު ވެގެން ދޫކުރެވޭނީ 10 މިލިއަން ރުފިޔާ އާ ހަމައަށް

މި ލޯނުތައް ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަނުން (އެޗްޑީއެފްސީ)ންނެވެ. މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދެއް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.

މިއަދުގެ ޖަލްސާ ފަށައި ރައީސް މުއިއްޒުގެ ވާހަކަ ފެށުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ އެކި ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތަކާއެކު އިހުތިޖާޖު ކުރި އެވެ. މެންބަރުން ދިޔައީ މާލަމުގައި ވާހަކަ ދައްކައި، އަނގަބަހުން ޝުއޫރުތައް ފާޅު ކުރަމުންނެވެ.

އެއާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް އަމުރު ކުރައްވައިފަ އެވެ. އެމްޑީޕީ ތަމުސީލު ކުރާ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންގެ ނަން އިއްވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު