ޚަބަރު
ރިޔާސީ ބަޔާން: ގާޒާއަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއް
ގައުމީ ދިދައާ އެކު ފަލަސްތީނު މީހުން ގާޒާ ބޯޑަރުގައި އިހްތިޖާޖް ކުރަނީ. --ފޮޓޯ:އޭއެފްޕީ
ގާޒާއަކީ ފަލަސްތީނުގެ ރައްޔިތުންގެ ބިމެއް ކަމަށާއި، ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބާލަން ކުރާ އެއްވެސް މަސައްކަތަކަށް ރާއްޖޭން ދުވަހަކުވެސް ތާއީދު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ އަމާންކަން އިސްކުރާ ގޮތަށް ކަމަށެވެ.

މިގޮތުން، އެހެން ގައުމުތަކުގެ ބިންތައް ހިފައިގަތުމާއި، ފުރާނަޔަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ރާއްޖޭން އެއްގޮތަކަށްވެސް ބަލައި ނުގަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެއާ އެކު ރައީސް ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ ތަރައްގީ ކުރަން އެތަނުން ފަލަސްތީނުގެ ރައްޔިތުން ބޭލުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ނުސީދާ ގޮތުން ރައްދު ދެއްވައިފަ އެވެ.  

"ޣައްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް. ޣައްޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގާޒާއިން މީހުން ހުސްކޮށް އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންދިއުމުގެ ވާހަކަ ޓްރަމްޕް ވައިޓް ހައުސްގައި ދެއްކެވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލުކުރުމަށް ފަހު އޭނާއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ. އެއާ އެކު އެކި ގައުުމުތަކާއި ޖަމާއަތްތަކުން ދަނީ ޓްރަމްޕުގެ ވާހަކަ ކުށްވެރިކުރަމުންނެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ 15 މަސް ދުވަސް ފަހުން މި ވަގުތަށް ވަނީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލައިފަ އެވެ. އެތަން އެއްކޮށް ސުންނާތިވެފައި ވެފައި ވާއިރު ޓްރަމްޕް ވިދާޅުވެފައި ވަނީ ޣައްޒާއިން އާންމުން ނެރެ އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންގޮސް ހިތްގައިމު ތަނެއްގެ ގޮތުގައި އެތަން ތަރައްގީކުރާނީ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު