ޚަބަރު
ސާބިތު ދަރަންޏެއް ނުދައްކާތީ މެންބަރު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)ގެ މައްޗަށް މެޖިސްޓްރޭޓް ކޯޓެއްގައި ދަރަންޏެއް ސާބިތުވުމުން، އޭނާގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.

ޣާލިބު ސަލީމު ހުށަހެޅި މި މައްސަލާގައި ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދައްކާނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 14ގައި ނިންމި އެ މައްސަލައިގައިވަނީ، އެމްއައިބީން ނަގައިފައިވާ ސޭލް އެންޑް ލީސްބެކް ފައިނޭންސިންގެ ދަށުން އެ ތިން މީހުން އެ ބޭންކަށް 2.52 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ފެސިލިޓީގެ ބާކީގައި ހުރި 2.44 މިލިއަން ރުފިޔާއާއި ޗެރިޓީގެ ގޮތުގައި އަރައިފައިހުރި 75،789.01 ރުފިޔާއެވެ.

އެ ހުކުމުގައިވަނީ، އެ ފައިނޭންސިން ފެސިލިޓީއަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމާ ހަމައަށް، ފެސިލިޓީއާ ގުޅިގެން މަހުން މަހަށް އަރަމުންދާ މަންތުލީ ރެންޓަލް އާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާއާއެކު، ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދުނޫން އަދަދެއް އެމްއައިބީއަށް ދައްކަމުން ގޮސް އެ ފައިސާ ޚަލާސް ކުރުމަށް އަންގައިފައެވެ.

އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފެސިލިޓީއާ ގުޅިގެން ރަހުނުކޮށްފައިވާ ސިނާނުގެ 'ރޯދި' ދޯނިއާއި ސަލީމްގެ 'ޕްރެޝަސް' ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާ ގުޅޭ ރަހުނު އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް އެ ފެސިލިޓީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ހޯދުމުގެ ބާރު އެމްއައިބީއަށް ލިބޭނެ ކަމަށް ވެސް މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައިވެއެވެ.

މި މައްސަލާގައި އެދިފައިވަނީ ސާބިތު ދަރަނި ނުދައްކާ ކަމަށް ނިންމާ ސިނާނު މަޖިލީހުގެ މެންބަރަކަމުން ވަކިކުރުމަށެވެ. މައްސަލަ ސާބިތުވެއްޖެނަމަ ސިނާނު ވެގެންދާނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ ފުރަތަމަ މެންބަރަށެވެ.

ސިނާނުގެ ގޮނޑި ގެއްލުނަސް ވެރިކަންކުރާ ޕީއެންސީއަށް މަޖިލީހުގައި އޮތް ފުރިހަމަ މެޖޯރިޓީއަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އޭނާ އާއެކު މަޖިލީހުގައި މިވަގުތު އެ ޕާޓީގެ 75 މެންބަރުން އެބަތިއްބެވެ. 20 ވަނަ މަޖިލީހުގައި ތިބެނީ ޖުމްލަ 93 މެންބަރުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު