ޚަބަރު
ރޯދަ މަހު އުމްރާއަށްދާ މީހުންގެ ޑެބިޓް ކާޑު ލިމިޓް 1،500 ޑޮލަރަށް ބޮޑުކޮށްފި
ރޯދަމަހު އުމްރާއަށްދާ އުމްރާވެރިންގެ ޑެބިޓް ކާޑު ޑޮލަރު ލިމިޓް 1،500 ޔޫއެސް ޑޮލަރަށް އިތުރުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ ކާޑަށް ދޫކުރާ އެ ލިމިޓް ބޭނުން ކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއާގަ އެވެ. އެ ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް އެއް ޑެބިޓް ކާޑަށެވެ.

ބީއެމްއެލް އިން ބުނީ އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ އުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން އުމްރާ ގްރޫޕްތަކުން މިކަމުގައި އަމަލު ކުރަންވީ ގޮތުގެ ތަފްސީލްތައް ގްރޫޕްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އުމްރާ ގްރޫޕްތައް މެދުވެރިކޮށް އުމްރާއަށް ދާ މީހުން އެ ގްރޫޕަކާ ގުޅުމަށް ބީއެމްއެލްއިން އެދެ އެވެ.

އުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރާ އުމްރާވެރިން، ފުރުމުގެ ފަސް ދުވަސް ކުރިން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުން ޑޮލަރުގެ ލިމިޓް ހަމަޖައްސައިދޭނެ އެވެ.

ބީއެމްއެލްއިން ބުނީ ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1،500 ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރު ވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެކަމަށެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ އުމްރާ ވެރިންނަށް ވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށެވެ.

ރަމަޟާން މަހު އުމްރާގެ އަޅުކަން އަދައިކުރަން ސައުދީއަށް ދާ ދިވެހީންގެ ބީއެމްއެލް ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު އިތުުރުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެކުރިން ކަމާ ގުޅޭ އިދާރާތަކަށް ވަނީ އަންގަަވައިފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ފަދައިން އެންގެވީ ރޯދަމަހު އުމްރާއަށްދާ ދިވެހީންނަށް ބޭންކް ރޭޓުގައި ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު