ވިޔަފާރި
ބީއެމްއެލްއިން ވިޔަފާރިތަކަށް ދޫކުރާ ލޯނަށް ބޮޑު ލުއިތަކެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިން ޕްރޮޑަކްޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލްއިން ރިއަލްއެސްޓޭޓް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ އިކުއިޓީ ( އަމިއްލަ އަށް ދައްކަންޖެހޭ އަދަދު) 30 ޕަސެންޓުން 20 ޕަސެންޓަށް ދަށް ކުރުމާއި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރު ކުރުމެވެ. އަދި ކޮންޓްރެކްޓަރުންނާއި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި ކުންފުނިތަކާއި މުއައްސަސާތަކާއި ރަޖިސްޓްރީ ކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށް ވެސް ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު މިހާރު ފައިނޭންސިންއަށް ހުށަހެޅޭނެ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ބީއެމްއެލްއިން ގެސްޓް ހައުސް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ފައިނޭންސިންއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ބެހެއްޓޭ ގޮތަށް ގެނައި ބަދަލާއި ގެސްޓްހައުސް ހިންގާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާނަމަ 11 ޕަސެންޓުގެ ރޭޓުން ލޯނު ދިނުމަށް ގެނައި ބަދަލެވެ. އޭގެ އިތުރުން އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 ޕަސެންޓުގެ ރޭޓުން ލޯނު ދޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ބީއެމްއެލްއިން ވޯކިން ކެޕިޓަލް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ލޯނު ނެގޭ ގޮތަށް ހަމަޖެއްސުމާއި ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ލޯނުތަކުގެ ޝަރުތުތައް ލުއިކުރުން ހިމެނެ އެވެ.

މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ބަދަލުތަކަކީ ދިވެހި ވިޔަފާރިތަކަށް އެ ބޭންކުން ދޭ އަހައްމިއްޔަތު ހާމަވާ މުހިންމު ބަދަލުތަކެއް ކަމަށެވެ.

"މި ބަދަލަކީ ދިވެހި ވިޔަފާރިތަކަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލެއް. ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ހޯދަން ފަސޭހަ ކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން މިދަނީ ވިޔަފާރިތައް ކުރިއަރުވައި ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދެމުން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލް އިން ވަނީ މި ހަފްތާ ތެރޭގައި ގެދޮރު ގަތުމަށާއި އިމާރާތް ކުރުމަށް ދޫކުރާ ލޯނުތަަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ-

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު