ޚަބަރު
ރޯދަ އުމްރާއަށްދާ މީހުންގެ ޑެބިޓްކާޑު ލިމިޓަށް 1500 ޑޮލަރު އިތުރުކުރަނީ
ކުރިއަށް އޮތް ރޯދަމަހު އުމްރާ އަށް ދާ މީހުންނަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބުން ލުއި ފަސޭހަ ކޮށްދިނުމަށް، އެ މީހުންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު ބޮޑުކޮށް ދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ. 

މިއަދު މެންދުރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ފަދައިން އެންގެވީ ރޯދަމަހު އުމްރާއަށްދާ ދިވެހީންނަށް ބޭންކް ރޭޓުގައި ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ.

އެެހެންވެ އެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި މިހާރު ބީއެމްއެލަށާއި މޯލްޑިވްސް މަނީޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އަންގައިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑުތަކަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓަކީ 250 ޑޮލަރެވެ. އެކަމަކު، ރައީސްގެ އެދިވަޑައިގަތުމަށް ބީއެމްއެލް އިން އެ ބަދަލު ގެނައުމުން ކޮންމެ އުމްރާވެރިއަކަށް 1،750 ޑޮލަރު ކާޑު ލިމިޓަށް ލިބޭނެ އެވެ. 

ރައީސް ވިދާޅުވި ގޮތުގައި އެ ލިމިޓު ހަމަޖައްސައިދޭނީ މިހާރު އޮންނަ ޑެބިޓް ކާޑު ޑޮލަރު ލިމިޓުގެ އިތުރަށެވެ. 

އުމްރާއަށް މީހުން ދާ ދުވަސްވަރުގައާއި، ހައްޖު މޫސުމުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތައް އިންތިހާއަށް މަތިވެއެވެ. އެެހެންވުމާއެކު، ބޭންކް ރޭޓުގައި ޑޮލަރު ލިބުމުގައި ހުންނަ ދަތިތަކުގެ ސަބަބުން ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެއެވެ. އެގޮތުން މިހާރުވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއާ ހަަމަށް ވަނީ އުފުލިފަ އެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ވެސް ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަމަށް ދެ އެވެ. އޭގެ ތެރޭގައި މުޅި ރޯދަމަހާއި ހަ ރޯދަ ހިމެނޭހެން އުމްރާގެ އަޅުކަމަށް ދާ ދިވެހިން ވެސް އަންނަނީ އިތުރުވަމުންނެވެ. 

ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަން ހައްލު ކުރުމުގެ ގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވައިލާ ތަންފީޒުކޮށްފައިވާ ކަމަށާއި އެކަމުގެ ހެޔޮ ބަދަލު ވަރަށް އަވަހަށް ރިޒާވުން ފެންނާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު