
ގާނޫނުއަސާސީ އަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވެ އެވެ.ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތުގައި ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެކެވެ. އެހެންވެ، އެ އިސްލާހު މާނަ ކުރަން ޖެހޭނީ ވެސް އެގޮތަށް ކަމަށް އޭޖީ އޮފީހުން ދެކެ އެވެ. އެ އޮފީހުގެ ވަކީލް ވިދާޅުވީ ގާނޫނުއަސާސީއަށް އިޖުރާއަތުގެ ތެރެއިން އުސޫލާ އެއްގޮތަށް ގެންނަ އިސްލާހުތަކުގެ މައްސަލަ އެއްވެސް ކޯޓަކަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު މިއަދު ބައިގަޑިއިރެއްހާ އިރަށް ފަނޑިޔާރުން އަޑުއެހުން މެދު ކަނޑައިލި އެވެ. އެއީ މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ފަނޑިޔާރުން ވަކި ގޮތެއް ނިންމެވުމަށެވެ. ދެން އަޑުއެހުން ފައްޓަވަމުން ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ސުޕްރީމް ކޯޓުގެ އިހުތިސޯސާ މެދު ދައުލަތުން ހުށަހަޅާފައިވާ ނުކުތާއާ މެދު ގޮތެއް ނިންމާނީ މުޅި މައްސަލަ ބެލުމަށް ފަހު ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދަން ނިންމަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ."ފަނޑިޔާރުން ކުރެއްވި މަޝްވަރާއަށް ފަހު ފަނޑިޔާރުން ނިންމަވާފައި ވަނީ މައްސަލަ ކުރިއަށްގެންދިޔުމަށް އަދި މި މައްސަލާގައި ހުށަހެޅި އިޖުރާއީ އިއުތިރާޒާ މެދު ފަނޑިޔާރުން ދެކޭ ގޮތް މައްސަލަ ނިންްމުމުގައި ހިމެނުމަށް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.