ޚަބަރު
އެއް ދުވަހުން ގާނޫނުއަސާސީ އިސްލާހުކުރުން އެއީ އިޖުރާއީ އުސޫލު ކަމަށް ގަބޫލެއް ނުކުރަން: އަލީ ހުސައިން
އަލީ ހުސެއިން
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައިވަނީ އިޖުރާއަތްތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާއަށް އިތުރު ހާލަތްތަކެއް އިތުރުކޮށް ޕާޓީން މެންބަރު ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހުތައް ބާތިލްކުރަން އެދި ސުޕްރީމް ކޯޓަށް އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގައި މިއަދު އަޑުއެހުމެއް ބޭއްވި އެވެ.

ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާންކުރާ، ގާނޫނުއަސާސީ އިސްލާހުކުރުމުގެ އިޖުރާއަތްތައް ފުރިހަމަކޮށްގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިސްލާހުތަކުގެ މައްސަލަ ބެލުމުގެ އިިހުތިސޯސެއް ސުޕްރީމް ކޯޓަށް ނުލިބޭނެ ކަމަށް ބުނެ ދައުލަތުން އިޖުރާއީ އިއުތިރާޒެއް ނެގި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އެގޮތަށް އެކަން ފާހަގަ ކުރާތީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ މެންބަރުންގެ ގޮނޑިއާ ގުޅޭ އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށްތޯ މިއަދުގެ އަޑުއެހުމުގައި ސުވާލު ކުރައްވައިފަ އެވެ.

ދައުލަތުގެ ވަކީލް ފާތިމަތު ހަލީމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އިސްލާހު ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކޮށްގެން، ފާސްކުރަން ބޭނުންވާ މިންވަރަށް މެންބަރުން ވޯޓު ދީގެންނެވެ.

"ބަލައި ބެލުމަކުން ފުރިހަމަކުރި ކަމަށް ހީވިޔަސް، އެއް ދުވަހެއްގައި ގާނޫނުއަސާސީއަށް ބޭނުންވާ އިސްލާހެއް ހުށަހަޅައި، ހަމަ އެ ދުވަހު މަޖިލީހުގައި ހިންގަން ޖެހޭ ބިލުގެ ތިން ކިޔުން ހިންގައި، ހަމަ އެ ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެ ދުވަހު ގާތްގަނޑަކަށް ނުވަ ވަރަކަށް ގަޑިއިރުގެ ތެރޭގައި ތަސްދީގު ކުރީމަ އެއީ އިޖުރާއަތް ފުރިހަމަވި ކަމަކަށް ގަބޫލެއް ނުކުރަން. ގާނޫނުއަސާސީގެ މަފުހޫމަށް ބަލާއިރު،" އަލީ ހުސައިން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރެއް ފުރިހަމަކޮށްފައިވާ މެންބަރު އަލީ ވިދާޅުވީ  ކޯޓުތަކަށް ނުބެލޭނެ މައްސަލަތައް ނޫނީ ނުނިންމޭނެ ކަންކަން ވެސް ހުންނާނެ ކަމަށެވެ.

"ސިޔާސީ، އިޖުތިމާއީ، އިގުތިސޯދީ މައްސަލައެއްގައި ގޮތެއް ނިންމުމުގެ އިހުތިސޯސެއް ނޯންނާނެ. ޓެކްސް ނަގާނީ ކިހާ ވަރަކަށްތޯ، މި ކަހަލަ ނިންމުންތަކެއް ނުނިންމޭނެ. އަޅުގަނޑުމެން ހުށަހަޅައިގެން މި އުޅެނީއެއް އެފަދަ މައްސަލައެއް ނޫން. އަޅުގަނޑުމެން މި ކުރަނީ ގާނޫނީ ސުވާލެއް. ދުސްތޫރީ ސުވާލެއް،" އަލީ ވިދާޅުވި އެވެ.

ގާނޫނުއަސާސީއަކީ ރައްޔިތުންގެ ވޯޓަކުން ރާއްޖޭގައި ހިންގާނީ ރިޔާސީ ނިޒާމުގެ ވެރިކަމެއް ކަމަަށް ކަނޑައަޅައި އޭގެ ސިފަތަކާއި އަސާސްތަކުގެ މައްޗަށް އެކުލަވާލާފައިވާ އޮނިގަނޑެއް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުމާ އެމްޑީޕީން ވެސް ވަނީ ޝަރީއަތުގެ މަޖިލީހުގައި މިއަދު ދެކޮޅު ހަދައިފަ އެވެ. މައްސަލައަށް ތަދައްހުލުވެފައިވާ އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ގާނޫނުއަސާސީން މަޖިލީހަށް ދީފައި އޮތް ބާރަކީ އިސްލާހު ކުރުން ކަމަށާއި ގާނޫނުއަސާސީ މުގުރާލުން ނޫން ކަމަށެވެ.

މަޖިލީހަށް ވެސް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ އަސާސީ ސިފަތައް ނުގެއްލޭ ގޮތަށް ކަމަށާއި އެއާ ހިލާފަށް ގެންނަ އިސްލާހެއްގެ މައްސަލަ ޖުޑިޝަލް ރިވިއު މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަނަސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު