އަލީ ރާޒީ
19 ފެބުރުއަރީ 2025 - 11:45
0 comments
ހުޅުމާލެ ހޮސްޕިޓަލްގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ހަދަން ބަޔަކާ ހަވާލުކޮށްފި އެވެ.

އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، 90 ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމުމުގެ އެއްބަސްވުމުގައި މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމާއި މެޑްޓެކްގެ ޗެއާމަން އަހުމަދު ހައިކަލް ވަނީ ސޮއިކުރައްވައިފަ އެވެ.ޑައިލިސިސް ސެންޓަރު ހަދަން ތިން ފަރާތަކުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ދެ ފަރާތަކުން ނަން ނެގި އެވެ.ހޮސްޕިޓަލުން ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނައިރު، ސިއްހީ ބޭނުންތައް ފުއްދުމަށްޓަކައި ޑައިލިސިސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރަން ޖެހިފައިވާ ކަމަށެވެ. މިއީ، އެކަން ހާސިލްކުރަން ފަށާފައިވާ މަސައްކަތެވެ.ހުޅުމާލެ ހޮސްޕިޓަލްގައި މިވަގުތުވެސް ޑައިލިސިސް ހެދުމަށް 10 އެނދު ހުރެ އެވެ. ނަމަވެސް ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާތީ ޖާގައިގެ މައްސަލަ ބޮޑުވެ ޑައިލިސިސް ހެދުމަށް އިތުރު އެނދުތަކެއް ގާއިމުކުރަން ނިންމީ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
މިމަސައްކަތް މެޑްޓެކުން ކުރާއިރު ދައުލަތުން ސީދާ މިމަސައްކަތަށް އެއްވެސް ފައިސާއެއް ހަރަދެއް ނުކުރާނެ އެވެ. ނަމަވެސް ޑައިލިސިސް ސެންޓަރަށް ބޭނުންވާ މެޝިނަރީޒް ހިންގަން ބޭނުންކުރާ ރީއެޖެންޓް ފޯރުކޮށްދޭނީ އަގެއް ނެގުމަށްފަހު މެޑްޓެކް ކުންފުނިންނެވެ.
ސަރުކާރުން ގެންދަނީ ހުޅުމާލެ ހޮސްޕިޓަލް ހުރި ތަނުގައި 250 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ.