ޚަބަރު
ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން މައްސަލައެއް އުފައްދައިގެން: އަލީ
ގާނޫނުއަސާސީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކޮށްފައި ވަނީ ނެތް މައްސަލައެއް އުފައްދައިގެން ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު، އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމުލުކުރުން މަޑުޖައްސާލަން އެދިފައިވާ ވަގުތީ އަމުރާ ގުޅޭ ގޮތުން މިއަދު އަޑުއެހުން ބާއްވަން ކުޑަތަން ވެފައިވަނިކޮށް ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ:

  • އަޒްމިރަލްދާ ޒާހިރު

  • މަހާޒު އަލީ ޒާހިރު

  • ހުސްނުއްސުއޫދު

ފަނޑިޔާރުން ސަސްޕެންޑްކުރީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގު ހިނގަމުންދާ ކަމަށް ޖޭއެސްސީއަށް އަންގާފައިވާ ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން މަޖިލީހުން މިއަދު ފާސްކުރި އިސްލާހާއެކު އެ ކޯޓުގެ ތިން ފަނޑިޔާރުން ސަަސްޕެންޑު ކުރުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ މިއަދާ ހަމައަށް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަނޑިޔާރެއްގެ މައްސަލައެއް ބަލަމުންދާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެހެންނަމަވެސް ހަމަ ކުއްލިއަކަށް މިއަދު މައްސަލައެއް ބަލާ ކަމަށް ބުނެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުން އެނގެނީ ނެތް މައްސަލައެއް އޭސީސީން އުފެއްދިކަން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

"އޮންނަ ޕްރޮސެސްގެ ތެރެއިން މިއަދަށް [އަޑުއެހުން] ހަމަ ރަނގަޅަށް ތާވަލުކުރެވިގެން މައްސަލައިގެ އަޑުއެހުން ތާވަލުކުރެވިފައި އޮއްވައި އަޅުގަނޑުމެންނަށް ނޫސް މީޑިއާއިން މި އެނގެނީ ވެސް އިނގޭތޯ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކޮށްފިއޭ، އޭގެ ކުރިއަކުން އަޅުގަނޑުމެންނަކަށް އެއްވެސް ދިމާލަކުން މައުލޫމާތެއް ވެސް ލިބިފައެއް ނެތް، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ ބެހޭ އެއްވެސް ގުޅޭ އެއްވެސް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާ ކަމެއް، އެެންވީމާ ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އެނގޭ އެންޓި ކޮރަޕްޝަން ކޮމިޝަނުން އުފެއްދި މައްސަލައެއްކަން،" އަލީ ހުސެއިން ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓަށް އޮތް އަޑުއެހުމެއް ނުބާއްވާ ވެސް އެ އަމުރުތައް ނެރެވެން. މި ގައުމުގައި ކަން ހިނގާ ގޮތަށް ބަލަންޏާ ވެސް. އެ ބާރު ފަނޑިޔާރުންނަށް އޮވެމެ، އަވަސް އަރުވާނުލާ ދެ ފަރާތަށް ވެސް ވަގުތު ދީގެން އަޑުއެހުންތައް ތާވަލުކުރީ ހަގީގަތުގައި ސުޕްރީމް ކޯޓު ސިޔާސީ ނުވީމާ. މި ސުޕްރީމް ކޯޓަށް ރައްޔިތުންގެ އިތުބާރު އެބަ އޮތް،" 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު މަޖިލީހުން ފާސްކުރުމާއެކު އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ މަޖިލިސް މެންބަރުންނާ ސީދާ ގުޅޭ މައްސަލައެއް އެ ކޯޓުން ބަލަމުން ދަނިކޮށެވެ. ސުޕްރީމް ކޯޓުން ބަލަމުން ދަނީ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު، ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ އެވެ.

ފަނޑިޔާރުންގެ އަދަދު މަދު ކުރާ ބިލު މަޖިލީހަށް ހުށަހެޅީ އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމުންނެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރަން ނިންމީ މިއަދު އޮތް ބައްދަލުވުމެއްގައި ކަމަށް ޖޭއެސްސީން ބުނި ނަމަވެސް، އެ ނިންމުމާ ގުޅޭ އިތުރު ތަފުސީލެއް ދީފައިނުވެއެވެ. އަދި ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލާ މައްސަލައިގެ ތަފުސީލެއް ވެސް ދީފައިނުވެ އެވެ.
މިއަދު މަޖިލީހުން ފާސްކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރާ ބިލު ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އާދިއްތަ ދުވަހުގެ ރޭ މަޖިލީހަށް ވެއްދި މި ބިލު ބަލައިގަންނަން ފާސްކުރީ މިއަދު އެވެ.

އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.

މި ބިލުގައި ގާނޫނުއަސާސީއާ ހިލާފު ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެއީ ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ވަރަށް ތަޖުރިބާކާރުން އަދި މާހިރުން ދަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު