ފަލަސްތީނުގެ މައްސަލާގައި ރާއްޖޭން އައިސީޖޭއަށް ބަޔާން ހުށަހަޅައިފި
މަރިޔަމް އަނާ
01 މާޗް 2025 - 20:19
0 comments
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އަޑުއެހުމެއް.
އިޒްރޭލުން ފަލަސްތީނުގެ ބިމަށް ވެރިވެ ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން އެ ކޯޓަށް ލިޔުމުން ބަޔާނެއް ހުށަހަޅައިފި އެވެ.
މި މައްސަލަ އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅީ އދ.ގެ އާންމު މަޖިލީހުގެ ގަރާރަކުން މިދިޔަ 19 ޑިސެންބަރުގައި ފާސްކުރުމުންނެވެ. ރާއްޖެއިން ހުށަހެޅި ބަޔާނުގައި އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި، އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކުގެ ދަށުން އިޒްރޭލުގެ ޒިންމާތައް ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް އަލިއަޅުވާލި އެވެ.އަދި އދ. ގެ މެންބަރެއްގެ ހައިސިއްޔަތުން އިޒްރޭލުގެ މައްޗަށް ޔޫއެންއާރުޑަބްލިއުއޭ ގެ މަސައްކަތްތަކާ ގުޅޭ ގޮތުން އޮތް ޒިންމާ ތަފްސީލުކޮށް، ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތައް ހުއްޓުވާލައި އިޒްރޭލުން އެ ޖަމިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކުގެ މައްޗަށް ވެސް ބަޔާނުގައި އަލިއެޅުވި އެވެ.އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތަކާއި އަސާސީ ހައްގުތަކުން މަހުރޫމްވެފައިވުމުގެ އިތުރަށް، ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ބިނާކުރުމަށާއި ސަރަހައްދުގެ އަމަންއަމާންކަމަށާއި ހަމަޖެހުމަށް ހުރަސްއެޅެމުންދާތީ އިޒްރޭލުގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ޖަރީމާތަކެއް ކަމަށް ބުނެ ދިވެހި ސަރުކާރުން ދަނީ ކެނޑިނޭޅި އެކި ތަންތަނުގައި ވަކާލާތު ކުރަމުންނެވެ.ރާއްޖޭން ގަބޫލު ކުރަނީ، ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ބިނާކުރުމަށެވެ.
ކިޔުންތެރިންގެ ޝުއޫރު