ދުނިޔެ
ގާޒާއިން މީހުން ހުސްކުރާ ވާހަކައަކީ ހިޔާލެއް: ޓްރަމްޕް
ފަލަސްތީނުގެ ގާޒާއިން މީހުން ހުސްކޮށް، އެތަން ބިނާކުރުމުގެ ވާހަކަ އަކީ ހިޔާލެއް ކަމަށާއި އެކަން ކުރަން މަޖުބޫރުކުރުމެއް ނެތް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ބަދަލުކުރައްވައިފި އެވެ.

އެމެރިކާގެ ރިޔާސީ މަތިންދާބޯޓު އެއާފޯސް ވަންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވިގޮތުގައި ގާޒާ ގަންނަން އެމެރިކާ ބޭނުންވަނީ މެދުއިރުމަތީގައިވާ މުއްސަނދި ގައުމުތަކުގެ ފައިސާއިންނެވެ. އެގައުމުތަކުގެ އެހީގަ އެވެ.

ގާޒާ ގަތުމަށްފަހު ޣައްޒާގެ ބިންތައް ބައިބައިކޮށް މެދުއިރުމަތީގެ ބައެއް ގައުމުތަކަށް އޭގެ ތެރެއިން ބައެއް ބިންތައް ދެވިދާނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި ޣައްޒާއިން ބޭރުކޮށްލާ އެތަނުގެ ރައްޔިތުން އަވަށްޓެރި ގައުމުތަކުން ގަބޫލުކުރާނެ އެވެ. މިކަމުގައި ފުރަތަމަ ދަތިތަކެއް ދިމާވިނަމަވެސް މިކަން ހައްލުކޮށް ގާޒާގެ މިލްކުވެރިކަން އެމެރިކާއަށް ހޯދޭނެ އެވެ.

އެމެރިކާގެ ބާރުގެ ދަށަށް ޣައްޒާ ގެނައުމާއި ގާޒާއިން ބޭރުކޮށްލާ ރައްޔިތުން މެދުއިރުމަތީގެ ގައުމުތަކުގައި ވަޒަންވެރި ކުރުވުމާބެހޭގޮތުންނާއި ގާޒާ ގަތުމަށް ބޭނުންވާ ފައިސާ ހޯދުން ފަދަ ކަންކަމާބެހޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާއަށް ވަޑައިގަތުމަށް މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ލީޑަރުންނަށް މިހާރު ދައުވަތު އަރުވާފައިވާނެ ކަމަށް ވެސް ރިޔާސީ މަތިންދާ ބޯޓު (އެއާފޯސް ވަން) ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު ބޭނުންވަނީ އަރަބި ބައެއް ގައުމަކާ ގުޅިގެން، އެހެން ތަނެއްގައި ބޯހިޔާވަހިކަން ހަމަޖައްސައިދީ، ހާލަތު ބަދަލުކޮށް، ސުލްހަވެރިކަމާ އެކު އުޅެވޭނެ ގޮތެއް ހޯދައިދޭން." 

މި ވާހަކަތަކާއި ގުޅިގެން ދިނިޔޭގެ ގައުމުތަކުން ހާއްސަކޮށް އަރަބި ގަމުތަކުން ޓްރަމްޕްގެ ވާހަކަތާއި ދެކޮޅަށް ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ މި ޕްލޭނަށް މިސްރާއި އުރުދުން އިން ދެކޮޅު ހަދާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ނުރުހުމުގައި ކުރާ މިފަދަ ކޮންމެ ކަމަކީ ބޭއިންސާފު ކަމަށް އެ ގައުމުތަކުން ދެކޭ ކަމަށް ވެސް އެއްބަސްވެ ވަޑައިގަތެވެ.

"އެ ގައުމުތަކުން އެހެން ބުނާތީ ކުޑަކޮށް ހައިރާން ވެސް ވޭ. އެކަމަކު ވަނީ އެހެން ބުނެފައި،" ފޮކްސް ނިއުސް ރޭޑިއޯ އަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި އެވެ.

ހަމަ އެޔާ އެކު ޓްރަމްޕު ވަނީ އެ ގައުމުތަކަށް އެމެރިކާއިން "ކޮންމެ އަހަރަކު ބިލިއަނުން ހަރަދުކުރަމުން" އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ބުނަމުންދަނީ ޣައްޒާއިން މީހުން މަޖުބޫރުން ނެރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު، ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށެވެ. މި ހުށަހެޅުމަށް އަރަބި ގައުމުތަކުންވެސް ވަނީ ދެކޮޅު ހަދާފަ އެވެ.

މި މައްސަލައާ ގުޅޭގޮތުން އިޒުރޭލުގެ ދިފާއީ ވަޒީރު ކާޓްޒް ވިދާޅުވެފައިވަނީ ޣައްޒާއިން ފަލަސްތީނު މީހުން އަމިއްލަ އިޚްތިޔާރުގައި ފޭބުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާނެ ކަމަށެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު