ޚަބަރު
ތިން ދުވަސްތެރޭ ފުލެޓު ލިސްޓަށް 700 އަށްވުރެ ގިނަ ޝަކުވާ
ގެދޮރުވެރިޔާގެ ސްކީމުން ދޫކުރާ ފުލެޓެއް - ފޮޓޯ: ސަން
މިދިޔަ ބުރާސްފަތިދުވަހު އާންމުކުރި ފްލެޓް ލިސްޓަށް މިހާތަނަށް 700 އެއްހާ ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެެ.

ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓު ލިބޭ މީހުންގެ ލިސްޓުގެ އިވެލުއޭޝަން ހެދުމަށް ފަހު، އެ ލިސްޓު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އާންމު ކޮށްފަ އެވެ. 

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މަސްދުވަސް ދީފައިވެ އެވެ. އެއީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 31ގެ ނިޔަލަށެވެ.

ފުލެޓު ލިސްޓު އާންމު ކުރުމާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ.

އެ ފުލެޓުތަކަށް 1،820 މީހެއްގެ ޝަރުތު ހަމަވެފައިވާއިރު، ބާކީ ފުލެޓުތައް ދޭނީ، ބާކީ 15،000 ފޯމު އިވެލުއޭޓް ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު މިދިޔަ ސަރުކާރުގެ ފަހުކޮޅު އިއުލާން ކުރި ނަމަވެސް، އެ ލިސްޓުގައި މައްސަލަތައް އުޅޭ ކަމަށް އޭސީސީ ބުނުމުން، އަލުން ލިސްޓު ބެލުމަށްޓަކައި ފްލެޓުތައް ހަވާލުކުރުން އޮތީ މަޑުޖައްސާލައިފައެވެ. އެއަށްފަހު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭސީސީން ވަނީ ސަރުކާރުން ވަކި ކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހު، ފުލެޓު ދިނުމަށް ހުއްދަދީފަ އެވެ.

ހައުސިން މިނިސްޓްރީން އެއިރު ނިންމީ އެ މިނިސްޓްރީން ވެސް ލިސްޓު އަލުން ބެލުމަށެވެ. އޭގެ ފަހުން ލިސްޓު ނެރެން ތާރީޚުތަކެއް ދީ، ލިސްޓު ނުނެރޭތީ ގިނަ ބަޔަކު ނުރުހުން ވެސް ފާޅުކުރި އެވެ.

މިހާރު ގާތްގަނޑަކަށް ނިމެން ގާތްވެފައިވާ އެ މަޝްރޫއުއަކީ މާލޭގައި މެދުކެނޑުމެއް ނެތި ދިރިއުޅެމުން އަންނަތާ 15 އަހަރުވެފައިވާ މީހުންނަށް ހުޅުވާލި މަޝްރޫއުއެކެވެ. އެކަމަކު އެ މުއްދަތުގައި މާލޭގައި ނޫޅޭ ގިނަ ބަޔަކު ވަނީ ކައުންސިލްތައް މެދުވެރިކޮށް ދޮގު ލިޔުން ހޯދައިގެން މި މަޝްރޫއު އަށް ކުރިމަތިލާފައި ކަމަށް އޭސީސީ އާއި ހައުސިން މިނިސްޓްރީން ވެސް ބުނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު