ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހު 15އަށް އިތުރުކޮށްފި
ހަސަން ހަލީމް
19 މާޗް 2025 - 14:26
0 comments
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް -- ފޮޓޯ: މިހާރު
'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 15އާ ހަމައަށް އިތުރުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ކުރިން ޝަކުވާ ހުށަހަޅަން ހުޅުވާލީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށްވާތީ އެ މުއްދަތު އިތުރުކުރީ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް ލިސްޓާ ގުޅިގެން ހުށަހަޅަމުންދާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.ގެދޮރިވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންގޮސް، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވި 1،820 މީހުންގެ ލިސްޓު ވަނީ އާންމުކޮށްފަ އެވެ.އޭގެ ތެރޭ ހިމެނެނީ:- 2 ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވި 397 މީހުން
- 3 ކޮޓަރީގެ ފްލެޓަށް ޝަރުުތު ހަމަވި 1،423 މީހުން
ކުރީ ސަރުކާރު ނިމެމުން ދަނިކޮށް އިއުލާނު ކުރި ލިސްޓުގައި ޝަރުުތު ހަމަވާ ކަމަށް އޮތީ:- ދެ ކޮޓަރީގެ އެޕާޓުމެންޓަށް 4،939 މީހުން
- ތިން ކޮޓަރީގެ އެޕާޓުމެންޓަށް 3،721 މީހުން
ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު މީހުންގެ ލިސްޓަށް އާއްމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި އެ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓު ލިބޭ މީހުން އެ ސަރުކާރުގެ ފަހުކޮޅުގައި އޮތީ ކަނޑައަޅާފަ އެވެ.އެކަމަކު ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު އާ ސަރުކާރުން ބޭނުންވީ އެ ލިސްޓު މުރާޖައާ ކުރާށެވެ. އެހެންވެ، ލިސްޓު އަލުން ބެލުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު އާ ލިސްޓެއް ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ފްލެޓް ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ އެންމެ 1،820 މީހުންނަށެވެ.އާ ލިސްޓުގައި ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ ގޮތާއި ޝަރުތު ހަމަނުވާ ކަމަށް ނިންމައި ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކޮށްފައިވާ ގޮތާބެހޭ ގޮތުން ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.މި ސަރުކާރުގެ ފްލެޓް ލިސްޓަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރާ ބައެއް މީހުން ބުނަނީ އެއީ ވަރަށް ބޭއިންސާފު ލިސްޓެއް ކަމަށެވެ."ޝަރުތު މި ހަމަވަނީ އެ މީހުން ދޭން ބޭނުންވާ މީހަކަށް. އެ ލިސްޓަކީ ޝަރުތު ހަމަވާ ލިސްޓެއް ނޫން، ޝަރުތު ހަމަކޮށް ފްލެޓް ދިން ލިސްޓު،" ސޯޝަލް މީޑިއާގައި އެކަކު ލިޔެފައިވެ އެވެ.އަނެއް ބަޔަކު ބުނަނީ ޝަރުތުހަމަނުވާ ކަމަށް ނިންމައި ލިސްޓުން ނަން "ކަޓުވާލީ" މި ސަރުކާރާ ދެކޮޅުވީމައި ކަމަށެވެ. އެއް އަހަރު ވަންދެން ފްލެޓް ލިސްޓާ ކުޅުމަށް ފަހު އާންމުކުރި ލިސްޓުގައި ޝަރުތުހަމަވާ ކަމަށް ޖަހާފައި ތިބި ގިނަ މީހުންނަކީ ޝަރުތު ހަމަަނުވާ މީހުން ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު