ޚަބަރު
ފްލެޓް ލިސްޓަށް މިހާތަނަށް 2800 އަށްވުރެ ގިނަ ޝަކުވާ ލިބިއްޖެ
ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ފްލެޓްތައް - ފޮޓޯ: އަވަސް
ކުރީ ސަރުކާރުން އާންމުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އާންމުކުރި ފުލެޓު ލިސްޓަށް މިހާތަނަށް 2،800 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފިއެވެ.

މިދިޔަ މަހުގެ 27 ގައި އާންމުކުރި ފްލެޓް ލިސްޓަށް ޝަކުވާއަށް ހުޅުވާލީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. އެ ލިސްޓުން އުނިވި މީހުންނަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާއިރު، އެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ 15ގެ ނިޔަލަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ ލިސްޓަށް ޝަކުވާ ހުށަހަޅައިފައިވާ އަދަދުތަކުގެ ތަފުސީލުތައްހާމަކޮށްފަ  އެވެ

އެ މައުލޫމާތުގައިވާ ގޮތުން، މިހާތަނަށް އެ ލިސްޓަށް ޖުމުލަ 2،843 ޝަކުވާ ހުށަހަޅާފައިވެއެވެ. އެއީ، ތިން ކޮޓަރީގެ ފުލެޓު ލިސްޓާ ގުޅޭ 2،079 ޝަކުވާއާއި ދެ ކޮޓަރީގެ ފުލެޓު ލިސްޓާ ގުޅޭ 764 ޝަކުވާއެވެ.

ރައީސް ސޯލިހްގެ ސަރުކާރު ނިމެމުން ދަނިކޮށް އެ ސަރުކާރުން ގެޒެޓުކުރި ލިސްޓުގައި 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 8،660 މީހުންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިމަހުގެ 27 ވަނަ ދުވަހު ހާމަކުރި މައުލޫމާތަށް ބަލާއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން 75 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ފްލެޓު ލިބެނީ 1,423 މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ފްލެޓް ލިބެނީ 397 މީހުންނަށެވެ. އެކަމަކު ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ގޮތުގައި 3,721 މީހުން އަދި ދެ ކޮޓަރި ފްލެޓް ލިބޭ މީހުންގެ ގޮތުގައި 1,218 މީހުން ހިމަނާފައިވެ އެވެ.

މި ސަރުކާރުން ރިވިއުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.

އެ ލިސްޓުގައި 2،695 މީހެއްގެ ފޯމު ޝަރުތު ހަމަނުވާ ކަމަށް، އަދި 424 މީހެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިކޮށްފައިވެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ 4،000 ފްލެޓްގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު