ޚަބަރު
ސުޕްރީމް ކޯޓަށް ޝަހީދު އައްޔަންކުރައްވަން ކޮމިޓީން ރުހުންދީފި
ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ މި މަހު 4 ވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ހުސްވި މަގާމަށް ދެ ފަހަރު މަތިން އިއުލާންކޮށްގެން ތިން ބޭފުޅަކު ކުރިމަތިލެއްވުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނީ ޝަހީދު އައްޔަން ކުރުމަށެވެ. 

ރައީސް މުއިއްޒު ފޮނުއްވި ނަމަށް ރުހުން ދިނުމަށް ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އެ ކަމަށް ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.

ޝަހީދަށް ރުހުން ދޭން، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވި ކަމަށް ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް އިއުލާން ކުރެއްވުމަށް ފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވައިލެއްވި އެވެ.

ކޮމިޓީން ޝަހީދަށް ރުހުން ދޭން ފާސްކޮށް، މައްސަލަ ވަނީ މަޖިލިހުގެ ތަޅުމަށް ފޮނުވައިފަ އެވެ. މާދަމާ މަޖިލީހުން އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރުހުން ލިބުމުން ދެން އޮންނާނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރަކަށް އައްޑޫ ފޭދު އަށް އުފަން ޝަހީދު އައްޔަން ކުރެއްވުމެވެ. ޝަހީދު ހާސިލްކުރައްވާފައިވާ ތައުލީމު:


  • މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވި

  • ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރެއްވި

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރީ ޖުލައި 24، 2018 ގަ އެވެ. އޭނާ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންންކުރީ އޮކްޓޫބަރު 26، 2023 ގަ އެވެ. ފަނޑިޔާރު ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރިން ކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ޑރ. އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫން މުހައްމަދާއި މަހާޒު އަލީ ޒާހިރާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު