މާލޭގައި ގޮވާމުން ޒަކާތް ބެހުން މިއަދު އަދި މާދަމާ
މަރިޔަމް އަނާ
28 މާޗް 2025 - 14:59
0 comments
ގޮވާމުން ޒަކާތް ބަލައިގަތުން: މާލޭގައި ގޮވާމުން ޒަކާތް ބެހުން ހަފުތާ ބަންދުގައި ކުރިއަށްދާނެ -
މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފި އެވެ.
ޒަކާތު ހައުސްއިން ބުނީ މާލޭގައި ގޮވާމުން ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ އިސްކަންދަރު ސްކޫލްގައިކަމަށެވެ.
މިއަހަރުގެ ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުން ޒަކާތް ބަލައިގަތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ކުރިއަށްގެންދަވާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް އިސްކަންދަރު ސްކޫލްގަ އެވެ. އެގޮތުން މިރަމަޟާން މަހު އެބަޔަކު ކައިބޮއި ހެދުމަށް ބޭނުންކުރި ހަނޑޫ ނުވަތަ ފުށުން ޒަކާތް ދެއްކުންވަނީ ކުރިއަށްގެންދަވާފަ އެވެ.
އެ ތަކެތި ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ އިސްކަންދަރު ސްކޫލުގަ އެވެ. އެގޮތުން ހުކުރު ދުވަހު 14:00އިން 16:30އަށް އަދި 21:30އިން 23:00އަށް އެ މަސައްކަތް ކުރިއަށްގެންދާނެ އެވެ.މީގެ އިތުރުން ހޮނިހިރު ދުވަހު 10:00އިން 12:00އަށް އަދި 13:00އިން 15:00އަށް ވެސް ގޮވާމުގެ ބާވަތްތައް ބަހާނެ އެވެ.ފިތުރު ޒަކާތުގެ ގޮތުގައި ދައްކަނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.މިއަހަރުގެ ފުރަތަމަ 20 ދުވަހު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންވަނީ ބުނެފަ އެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައި ގަންނަން ފަށާފައިވާއިރު އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު އޮތީ މިމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާއިހަމައަށް ހުޅުވާލާފަ އެވެ. ފިތުރު ޒަކާތް ދައްކަންޖެހެނީ ފިތުރު އީދަށް ދިޔުމުގެ ކުރިންނެވެ.
ފިތުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެ އެވެ. ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެގައުމެއްގައި އާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާއެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެ އެވެ.
ކިޔުންތެރިންގެ ޝުއޫރު