އައްޑޫ ލިންކް ރޯޑް ހެދުމަށް އާރްޑީސީއާ ހަވާލުކޮށްފި
ހަސަން ހަލީމް
09 އޭޕްރީލް 2025 - 10:10
0 comments
އައްޑޫ ލިންކް ރޯޑް ހެދުމަށް އާރްޑީސީއާ ހަވާލުކުރުން
އައްޑޫގެ ގިނަ ރަށްތަކެއް، ޒަމާނީ އަދި ފެންވަރު ރަނގަޅު މަގަކުން ގުޅުވާލަން މީގެ 22 އަހަރު ކުރިން ހެދި ލިންކު ރޯޑު އަލުން ހަދަން ނިންމައި ބޮޑު މަޝްރޫއެއްގައި ސަރުކާރުން އިއްޔެ ސޮއިކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.
މިރަސްމިއްޔާތުގައި އައްޑޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިމަޝްރޫއުގެ ތެރެއިން ސީޓީބީ މަގުތަކުގައި ތާރު އަޅާއިރު 67.58 ކިލޯމީޓަރުގައި ތާރު އަޅާނެ އެވެ.
މި މަސައްކަތް 1440 ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު މަޝްރޫއުގެ އަގަކީ 829 މިލިއަން ރުފިޔާ އެވެ. ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަން ގުޅުވާލާ 16 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑު ހެދުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށީ 2001 ވަނަ އަހަރު އެވެ. އެ މަސައްކަތް ނިންމައި އެ މަގު ބޭނުންކުރަން ފެށީ 2003 ވަނަ އަހަރު އެވެ.އައްޑޫ ލިންކް ރޯޑު އޭރު ހެދީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ދިވެހި ސަރުކާރަށް ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުންނެވެ. ޖުމުލަ 12.5 ކިލޯ މީޓަރުގެ ލިންކް ރޯޑްގެ މަސައްކަތްކުރީ ޑެންމާކާއި ލެބެނަންގެ ދެ ކުންފުންޏެއް ގުޅިގެން އުފެއްދި ހޯގާޑް އެންޑްޝުލްޒް އެސްލެބެނާން އިންނެވެ. ލިންކު ރޯޑް ޕްލޭންކޮށް، ޑިޒައިންކުރީ ނިއުޒީލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން ސްމާޓް އެވެ.އައްޑޫގައި ދިރިއުޅޭ މީހުންނަށް ބޮޑު ފަސޭހައެއް ލިބުނު މި ދިގު މަގު ފަހުން ބޮޑު މަރާމާތެއް ނުކޮށް އޮންނާތީ މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު