ވިޔަފާރި
ފައިސާގެ ޖިންސު ބަދަލުކޮށް ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމުމުން ގާސިމް ނުރުހިއްޖެ
ޓޫރިޒަމް ދާއިރާގައި އެންމެ ނަގާ ކިޔާ އެއް ކުންފުނި ވިލާގެ ޗެއާމަން ގާސިމް
ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން އަތުން ޑޮލަރުން ނަގާ ސާވިސް ޗާޖު މުވައްޒަފުންނަށް ރުފިޔާއިން ދިނުމަކީ ގާނޫނީ ކުށެއް ކަމަށާއި އެއީ މުވައްޒަފުންނަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށް ވިލާ ގްރޫޕުގެ އޯނަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

އެ ނިންމުމާ ގުޅިގެން ދަތިވާ ކަމަށް ބުނެ، އެ ކުންފުނީގެ ދަށުން ހިންގާ ރިސޯޓުތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖު ރުފިޔާ އިން ދޭން ނިންމިކަން ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް ރިސޯޓްސް އިން ވަނީ އިއުލާންކޮށްފަ އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރަ ރުފިޔާ އިން ދޭން އެ ކުންފުނިން ވެސް ވަނީ ނިންމައިފަ އެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގޮތުގައި ވެސް ހުންނެވި ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކުރުވުމާ ގުޅިގެން ޑޮލަރުގެ ތާށިކަމެއް އޮތް ކަމަށް ބުނެ ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމުން އެއީ ހައްގު ނިންމުމެއް ނޫން ކަމަށެވެ.

"ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން. އެހެންކަމުގައިވާ ނަމަ އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުން،" ގާސިމް ލިޔުއްވާފައިވެ އެވެ.

ރުފިޔާއިން ސާވިސް ޗާޖު ދިނުމަކީ މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުސަތު އެބައޮތް ކަމަށް މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ގާސިމް ވިދާޅުވެފައިވެ އެވެ.

"ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ގާނޫނުގައިވާ ގޮތުގެ މަތީން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް އަޅުގަނޑު ދެކެން،" އޭނާ އިތުރަށް ލިޔުއްވާފައިވެ އެވެ.

ގާސިމް ވިދާޅުވިގޮތުގައި، މާލީ ދަތިތަކާ ގުޅިގެން ބައެއް ކުންފުނިތަކުން މުސާރަ ވެސް ރުފިޔާ އިން ދޭން ނިންމަން އުޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އޭނާ ވިދާޅުވީ، މުވައްޒަފުންނާ އެކު އެއްބަސްވުމެއް ހަދާފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާ ނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށެވެ.

"ފައިސާގެ ޖިންސު ބަދަލުކޮށް އެހެން ފައިސާ އަކުން ދެވޭނީ އެ މުއައްޒަފުމީހާ އެކަމަށް އިއުތިރާޒެއް ނެތް ކަމުގައިވާ ނަމަ އެވެ،" އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު