ޚަބަރު
ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލާޝިޕްތަކެއް ދިވެހި ޑޮކްޓަރުންނަށް ދެނީ
ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް، މެކް ފައުންޑޭޝަނުން ސްކޮލަޝިޕްގެ ފުރުސަތުތަކެއް ދޭން ނިންމާފައި ވާތީ، އެ ކަމަށް ޓަކައި ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ. 

އެ ފުރުސަތު ރާއްޖޭގެ ޑޮކްޓަރުންނަށް ލިބިފައިވާކަން އެކަމަނާ ހާމަކުރެއްވީ ދުބާއީގައި ބޭއްވި މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މިއީ ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލުން މަދު، އެހެން ނަމަވެސް މުހިންމު ދާއިރާއެއްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

އެ ސަމިޓުގައި، ރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ފަސްޓް ލޭޑީ ވަނީ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ދިގު މުއްދަތުގެ ޓެކްނިކަލް ޕާޓްނަޝިޕްތައް ގާއިމުކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފަ އެވެ. 

މީގެއިތުރުން، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ސްކްރީނިންގްއާއި، ނަފުސާނީ ސިއްހަތާއި ގުޅުންހުރި ހިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން، ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރުކުރުމަށް އެހީތެރިވުމުގެ މައްޗަށް މި ތަގުރީރުގައި ވަނީ ވާހަކަ ދައްކަވައިފައެވެ.

އަދި މީގެ އިތުރުން ދަރިމައިނުވުމާއި، މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި، އަންހެނުން ބާރުވެރިކުރުމާއި، ހަކުރުބައްޔާއި ހައިޕަޓެންޝަން ފަދަ ބަލިތަކާއި، އެ ފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް މެކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދެވުނު މަސައްކަތްތައް ވެސް، ބައްދަލުވުމުގެ ބައިވެރިންނާ މެޑަމް ސާޖިދާ ހިއްސާ ކުރެއްވިއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ސަމިޓަކީ އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ ސަމިޓެކެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު