ޚަބަރު
ސިއްހީ ހިދުމަތަކީ ހަނދާންތަކާއި އިހުސާސްތަކާ ގުޅިފައިވާ ހިދުމަތެއް: ފަސްޓްލޭޑީ
ސިއްހީ ހިދުމަތަކީ ތަފާތު ހަނދާންތަކާއި ތަފާތު ތަޖުރިބާތަކާއި ތަފާތު އިހްސާސްތަކާ ގުޅިފައިވާ ހިދުމަތެއް ކަމުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެ ކަމަނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ، މަރަދޫފޭދޫ، ތްރީއެސް ލައުންޖުގައި މިއަދު ހަވީރު ކުރިއަށްދިޔަ، ސ. ފޭދޫ ސިއްހީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ސާޖިދާ ދެއްކެވި ވާހަކަފުޅުގައި ސިއްހީ ހިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމާއި ކަންކަމުގެ އަސްލު މައްސަލަ ދެނެގަންނަން ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައި ވިދާޅުވި އެވެ.

ފޭދޫ ސިއްހީ މަރުކަޒަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ދިނުންވެސް މިޖަލްސާގައި ކުރިއަށް ދިޔަ އެވެ. 

ފޭދޫ ސިއްހީ މަރުކަޒަށް 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީއެވެ.

މި ރަސްމިއްޔާތުގައިއެ ކަމަނާވަނީ ފޭދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއެކު ގްރޫޕް ފޮޓޯއެއްގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު