ޚަބަރު
އަންހެނުންނަކީ ގައުމެއް އާރާސްތުކުުރުމުގެ ހިތްމަތާއި މިންނަތާއި ޖޯޝާއި ވިންދު: ފަސްޓްލޭޑީ
އަންހެނުންނަކީ ޤައުމެއްގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމަށާއި، ޤައުމެއް އާރާސްތުކުރުމުގެ ހިންމަތާއި މިންނަތުގެ ޖޯޝާއި ވިންދަކީ އަންހެނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ކުރިއަށް ގެންދާ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވިދާޅުވީ އަންހެނުންނަކީ ގައުމެއްގެ އިޖުތިމާއީ ހަށިގަނޑާއި ތަރުބަވީ މަދަރުސާގެ މުހިންމު ބަހާއެއް ކަމަށެވެ. 

ގައުމު ބިނާކުރުމުގައި ތަރައްގީގެ ބިންގަލަކީ ވެސް އަންހެނުން ކަމަށް އެކަމަނާ ވިދާޅުވި އެވެ. 

އެކަމަނާގެ ވާހަކަފުޅުގައި އިސްލާމީ ތާރީހުންނާއި ދިވެހި ތާރީހުން އަންހެނުންގެ ދައުރު ފާހަގަކުރައްވަމުން ވިދާޅުވީ، ދުނިޔޭގެ ބައެއް މުޖުތަމައުތަކުގައި ސަގާފަތާއި އެހެނިހެން ސަބަބުތަކާ ހުރެ އަންހެނުންނަށް ބޭއިންސާފުވެފައި ވީނަމަވެސް، އިސްލާމްދީން ވަނީ އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި އަދުލު ގާއިމުކޮށްދީފައި ކަމަށެވެ. އެގޮތުން ހަދީޖަތުގެފާނުގެ ވިޔަފާރިއާއި ހިންގުންތެރިކަމާއި، އަސްމާ ރަޟިޔަﷲ އަންހާގެ ހިތްވަރުފުޅާއި، އަދި އާއިޝާ ރަޟިޔަﷲ އަންހާގެ އިލްމީ ހިދުމަތްތަކަކީ މަތިވެރި މިސާލުތަކެއް ކަމުގައި ބަޔާންކުރެއްވި އެވެ.

ދިވެހި ތާރީހަށް އަލިއަޅުއްވާލައްވަމުން ސާޖިދާ މުހައްމަދު ވިދާޅުވީ، ދިވެހި ރަސްކަމުގެ ޒަމާނުގައި ވެސް އަންހެނުންނަށް ހާއްސަ މަޤާމުތަކާއި ލަފާދިނުމުގެ ފުރުސަތުތައް އޮތް ކަމަށެވެ. އަދި ކަނޑު ދަތުރުފަތުރުގެ ޢިލްމުގައި ދިވެހި އަންހެން މުއައްލިމާއިން ތިއްބެވިކަމާއި، ގައުމީ ޖިހާދީ މައިދާނުގައި ވެސް ކަނބައި އައިސަ ފަދަ ކަނބަލުން ފާހަގަކޮށްލެވޭ ކަމަށް ވިދާޅުވެ، ގައުމު ބިނާކުރުމުގެ ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން ފުޅާކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި "ވިލުންތެރި ކަނބަލުން" ޕްރޮގްރާމުން ދަސްވެނިވި އަށް ބެޗުގެ 175އަންހެނުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވައިފަ އެވެ. "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ކުރިއަށް ގެންދަނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެންނެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އަންހެނުންނަކީ ކޮންމެ ކަމެއްގައި ވެސް އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން ބާރުވެރިކަމާއެކު ކުރިއެރޭނެ ބަޔަކަށް ހެދުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު