ޚަބަރު
އައްޑޫ ސިޓީ ހިއްކި ބިމުން ފުރަތަމަ ފަހަރަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލައިފި
އައްޑޫ ސިޓީ ހިއްކި ބިމުން ފުރަތަމަ ފަހަރަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލައިފި އެވެ. މި ބުރުގައި ޖުމްލަ 251 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މަރަދޫން ދިރިއުޅުމަށް ދޫކުރާ 175 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ 1،500 އަކަފޫޓުގެ ގޯތިތަކެކެވެ.

އެ ކައުންސިލުން ބުނީ މަރަދޫފޭދޫ ހިއްކި ސަރަހައްދުން ދޫކުރަނީ 1،500 އަކަފޫޓުގެ 76 ގޯތި ކަމަށެވެ. އެއީ މަރަދޫފޭދޫގެ މީހުންނަށް ހާއްސަ ކޮށްފައިވާ 68 ގޯއްޗާއި އައްޑޫގެ އެހެން އަވަށްތަކުގެ މީހުންނަށް ހާއްސަ 8 ގޯއްޗެވެ.

އައްޑޫގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައި ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވާއިރު، އެންމެންނަށް ވެސް އެ ގޯތިތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް އޮންނާނެ އެވެ. ފޯމު ހުށަހަޅަން ޖެހެނީ އެ ރަށެއްގެ އޮފީހަކަށެވެ.

އައްޑޫން ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން، ގޯތިތަކަަށް ޝަރުތު ހަމަވާނީ ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާ ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނުވާ މީހުންނާއި ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ބޯހިޔާވަހިކަމެއް ލިބިފައި ނެތް މީހުންނަށެވެ.

އައްޑޫ ބިން ހިންކުމުގެ މަޝްރޫޢު ކުރިއަށްގެންދިޔައީ 2023 ވަނަ އަހަރުއެވެ. މި މަޝްރޫޢުއުގައި އައްޑޫގެ ގުޅިފައިވާ ރަށްތައް ހިމެނޭގޮތަށް 190 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފަތުރުވެރިކަމަށް ޚާއްޞަ ކުރާ 3 ރަށާއި ހަންކެޑައަށް ބިން އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން މަރަދޫ، މަރަދޫފޭދޫއަށް ޖުމްލަ 76 ހެކްޓަރުގެ ބިން އިތުރުކޮށް ހިތަދޫއަށް 80 ހެކްޓަރުގެ ބިން އިތުރުކޮށްފައިވެ އެވެ.

އައްޑުއިން ގޯތި ދުކުރުމާ ގުޅޭމަޢުލޫމާތުތައް ސިޓީ ކައުންސިލުން ވަނީ ގެޒެޓުކޮށްފައެވެ. އައްޑޫ މަރަދޫގެ އާބާދީ 2200 އިން މައްޗަށް އަރައެވެ. އަދި މަރަދޫފޭދޫގެ އާބާދީ އުޅެނީ 1200 އިން މަތީގައެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު