ޚަބަރު
ހަންކެޑެ މަޝްރޫއު ލަސްވާ މައްސަލަ މަޖިލީހަށް
އައްޑޫ ހަންކެޑެ. -- ފޮޓޯ./ފަންޑު މެނޭޖުމެންޓު
އައްޑޫ ހަންކެޑެ، އިންޓަގްރޭޓަޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ދިގުލައިގެންދާ ސަބަބުތައް ބަލަން މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.

ހަންކެޑެ މަޝްރޫއަކީ އެމްއެފްއެމްސީއިން ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެ މަޝްރޫއު ނުފެށި އޮތް ސަބަބު ބަލަން އެމްއެފްއެމްސީގެ ވެރިން އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދިވަޑައިގެން، މަޖިލީހުގެ އިދާރާއަށް މިއަދު ސިޓީ ފޮނުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން އެވެ.

އޭނަ ހުށަހެޅުއްވި މައްސަލައިގައި ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކުރި ކުންފުނި، މޯލްޑިވްސް ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަން (އެފްއެމްސީ) ގެ އިސްވެެރިން ކޮމިޓީއަށް ހާޒިރުކޮށް އެ މަސައްކަތް ކުރިއަށް ނުދާތި އެކަން ސާފު ކުރަން އެދިވަޑައިގެންފައިވެ އެވެ.

އަދި އެ މައްސަލަ ހުށަހެޅުއްވީ މަޝްރޫއުގެ އަމަލީ މަސައްކަތް ދިގުލައިގެންދާތީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.

މި ސަރުކާރުން ކުލަގަދަ ރަސްމިއްޔާތެއް ބާއްވައި ހަންކެޑެ މަޝްރޫއު އިފުތިިތާހުކުރީ މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބާ ދިމާކޮށް އެޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ.

ހަންކެޑެ، އިންޓަގްރޭޓެޑް ޕްރޮޖެކްޓްގެ ގޮތުގައި ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެންނެވެ.

ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކީ އައްޑޫގެ އިގްތިސާދަށް އާ ދިރުމެއް ގެންނާނެ މަޝްރޫއުއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. މި މަޝްރޫއުއާއެކު އައްޑޫގައި އިތުރު ވަޒީފާތައް އުފެދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރައިދިޔުމަށް މަގުފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު