ޚަބަރު
ޔޫތު ޕްރެޒިޑެންޝަލް އެޑްވައިޒަރީ ބޯޑުން ހުވޭ ހިމެނޭހެން ބައެއް މެންބަރުން ވަކިވެއްޖެ
ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ލަފާއެރުވުމަށް އުފެއްދި "ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު" މެންބަރު ކަމުން މަޝްހޫރު ޓީވީ ޕެރެޒެންޓަރު ހުވައިނާ މުޙައްމަދު ނިހާދު (ހުވޭ) އިއްޔެ އިސްތިއުފާ ދީފިއެވެ.

އަދި ބައެއް މެންބަރުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރައްވާފައިވެ އެވެ. 

ހުވޭ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ވަނީ، އޭނާ އިސްތިއުފާ ދިނީ، ފުރާޅެއްގެ މަތީގައި ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގާ ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކުރާ ޒުވާނުންނާ އެކުގައި ހުރުމަށް ކަމަށެވެ.

ހުވައިނާ އިސްތިއުފާ ދިން އިރު، މި މައްސަލައިގެ ތެރެއިން ހާމަވި، މަސްތުވާތަކެއްޗާއެކު ޕާޓީކުރިކަމަށް ތުހުމަތުވާ ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ، ދާއޫދު އަހުމަދު އެ ބޯޑުން ވަކިނުކޮށްފިނަމަ އިސްތިއުފާދޭނެ ކަމަށް އެބޯޑުގެ މެންބަރު ނަޒާހާ ނަޒީމް ކުރިން ބުންޏެވެ.

އެހެން ބުނުމުގެ ކުރިން ދާއޫދުގެ އިސްތިއުފާ ރައީސް އޮފީހަށް ފޮނުވުމުން އޭނާ ވަނީ އެ ބޯޑުގެ މެންބަރުކަމުން ވަކިކޮށްފައެވެ.

ދާއޫދު މިހާރު ވަނީ މުސާރަ ނުލިބޭ ގޮތަށް އަންޑަ ސެކްރެޓަރީކަމުން ވެސް ސަސްޕެންޑުކޮށްފައެވެ.

އިންސްޓަގްރާމުގެ ސްޓޯރީގައި މިހާތަނަށް ތިން މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފައިވާ ކަމަށް ޕޯސްޓް ކުރައްވާފަ އެވެ. އެ މެންބަރުންނަކީ:

  • އާމިނަތު ރަބާބް

  • ހުވައިނާ މުހައްމަދު ނިހާދު (ހުވޭ)

  • ފާތިމަތު ރާއިއާ ޝަރީފް

އޭގެ އިތުރުން، އިސްތިއުފާ ދެއްވަން ނިންމެވި ކަމަށް ވިދާޅުވެ، އެ ބޯޑުގެ މެންބަރު ނިމާލް ހަމީދު ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓް ކުރައްވާފަ އެވެ.

އެ ބޯޑުގައި ހިމެނޭ ދަލޫފް އަހުމަދު 'އެކްސް'ގައި ޕޯސްޓް ކުރައްވައި ވިދާޅުވެފައި ވަނީ މީގެ ފަސް މަސް ކުރިން އެ ބޯޑުން އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެ ބޯޑުގެ ނައިބު ރައީސް އަދި ރައީސް މުއިއްޒު މި ފަހުން ބައިވެރިވެވަޑައިގެންނެވި ޒުވާނުންގެ މައުލޫއުގެ ޕޮޑްކާސްޓް ހޯސްޓްކޮށްދެއްވި ނަޒާހާ ނަޒީމް ރޭގެ މުޒާހަރާގައި ވާހަކަ ދައްކަވަމުން އޭނާ ފިޔަވައި އެހެން މެންބަރުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ އެ ގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓް ވެސް ކުރި އެވެ.

ނަމަވެސް ފަހުން އެއީ އޭނާ ހާސްވެގެން ވިދާޅުވެވުނު ގޮތެއް ކަމަށް ވިދާޅުވެ ސްޓޯރީގައި ޕޯސްޓް ކުރައްވާފައިވެ އެވެ. އެ ޕޯސްޓްގައި ނަޒާހާ ވިދާޅުވީ ބޯޑުން ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑުގެ ނަމުގައި ބޯޑެއް އުފެއްދެވުމަށް ޑިސެމްބަރު 25، 2023 ގައި ރައީސް ނިންމެވީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

ޒުވާނުންގެ ކޮމިޓީއެއް އުފެއްދެވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގައި 15 މެމްބަރުން ތިބެ އެވެ. ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންނާއި ކުޅިވަރާއި އެންޖީއޯތަކާއި އެކައުންޓިން އެންޑް ފައިނޭންސް އަދި މީޑިއާގެ އިތުރުން ކޮލެޖްތައް ތަމްސީލްކުރާ ޒުވާނުން ވެސް ހިމެނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު