ހޯރަފުށި އެއާޕޯޓް ޓާމިނަލްގެ މުށިތައް ރަނގަޅުކުރުން - ފޮޓޯ: ހޯރަފުށި ދާއިރާ ފޭސްބުކް
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ހިންގާ ހއ. ހޯރަފުށި އެއާޕޯޓަށް ޓާމިނަލްގައި ޖަހާފައިހުރި މުށިތައް ހަލާކުވެގެން ނެއްޓޭތީ "ޓޭޕް" އަޅައިގެން ހަރުކުރި މުށިތައް ރަނގަޅުކޮށްފި އެވެ.
އާރްއޭސީއެލް އިން ބުނީ ހޯރަފުށީ އެއާޕޯޓުގެ ޑިޕާޗާ ހޯލުގެ މުށިތައް ނެއްޓި ހަލާކުވެ އެއާޕޯޓަށް ފުރަން އަންނަ ފަސިންޖަރުންނަށް ދަތިވުމާއި ގުޅިގެން އެމައްސަލަ އެ ކުންޕުނީގެ ސަމާލުކަމަށް އައުމުން މިހާރު އެކަން ހައްލުކޮށްފައި ވާނެ ކަމަށެވެ.
"ހޯރަފުށި އެއާޕޯޓް ޓާމިނަލްގެ މުށިތައް މިހާރު ހިފަހައްޓަނީ ޓޭޕް އަޅައިގެން..!" މި ސުރުހީގެ ދަށުން ހއ. ހޯރަފުށި އެއާޕޯޓަށް ޓާމިނަލްގައި ޖަހާފައިހުރި މުށިތައް ހަލާކުވެގެން ނެއްޓޭތީ "ޓޭޕް" އަޅައިގެން ހިފަހައްޓާ ހަބަރު "ހޯރަ" އިން ރިޕޯޓް ކުރީ މިދިޔަ މާރޗް މަހުގެ ހަ ވަނަ ދުވަހު އެވެ.ނޮވެމްބަރު 19، 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުއްވައި ދެއްވި މި އެއާޕޯޓަކީ 198 މިލިއަން ރުފިޔާ ހޭދަ ކޮށްގެން ތަރައްގީ ކުރި އެއާޕޯޓެކެވެވެ. މި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.