ޚަބަރު
އިންޑިއާ-ޕާކިސްތާނުގެ ހަމަނުޖެހުމުގެ އަސަރު ރާއްޖެއަށް ކުރާނެ
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ގޯސްވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވާން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި އިނގިރޭސި ބަހުން ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިއްޖެ ކަމަށާއި އޭގެ ސަބަބުން ދެކުނު އޭޝިޔާއަށާއި އިންޑިއާ ކަނޑަށް އަދި ދިވެހިރާއްޖެ އަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރި ކަމަށާއި އަދި އިގްތިސޯދަށް ކޮށްފާނެ އަސަރުތަކަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ކަޝްމީރުގެ އިންޑިއާ ފަޅިއަށް ނިސްބަތްވާ ޓޫރިސްޓް އަވަށެއް ކަމަށްވާ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އިންޑިއާއާ ޕާކިސްތާންގެ ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސްވެފަ އެވެ. ހަނގުރާމަވެރިން ވަދެގަނެ ބަޑިން ހަމަލާދީ 26 މީހަކު މަރަލާފައިވާއިރު މީގެތެރޭގައި ގިނައީ އިންޑިއާ މީހުންނެވެ.

މި ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ދަ ރެސިސްޓެންސް ފްރޮންޓް (ޓީއާރުއެފް)" އިން ވަނީ ނަގާފަ އެވެ. އިންޑިއާ އިން ތުހުމަތުކުރާ ގޮތުގައި ޓީއާރުއެފް އަކީ ޕާކިސްތާން ސަރުކާރާ ގުޅުން އޮންނަ ޖަމާއަތެކެވެ.

ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ދެ ގައުމު ގުޅޭ ބޯޑަރުގައި ދެ ގައުމުގެ ސިފައިން އަންނަނީ ހަމަލާތައް ވެސް ބަދަލުކުރަމުންނެވެ.

މި މަހުގެ 22 ވަނަ ދުވަހު ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ސަރަހައްދެއްގައި 26 ފިރިހެނުން މަރާލި މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށާފައި ވާއިރު ފިލައިގެން ދިޔަ ހަތިޔާރު އެޅި މީހުންގެ ތެރޭގައި ޕާކިސްތާނުގެ ދެ މީހަކު ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހަމަލާއާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވެ އިންޑިއާއިން މިހާރު ވަނީ ދެ ގައުމުގެ ދެމެދުގައި ފެން ހިއްސާކުރުމަށް ވެފައި އޮތް މުހިންމު އެއްބަސްވުމަކަށް އަމަލުކުރުން ސަސްޕެންޑްކޮށްފަ އެވެ. އަދި ޕާކިސްތާނާ އެކު އޮންނަ އެއްގަމު ބޯޑަރު ހުރަސްކުރާ މައި މަގު ބަންދުކޮށް، ޑިޕްލޮމެޓިކް ގުޅުން ތައް ދަށްކޮށް، ޕާކިސްތާނު މީހުންނަށް ވިސާ ދިނުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

މި ކަންކަމުގެ ރައްދުގައި ޕާކިސްތާނުން ވެސް ވަނީ އިންޑިއާގެ ޑިޕްލޮމެޓުންނާއި އަސްކަރީ އެޑްވައިޒަރުން ބޭރުކުރުމަށާއި، ސިކުންގެ ދީނީ ކަންކަމުގައި އަންނަ މީހުން ފިޔަވައި އިންޑިއާ މީހުންނަށް ވިސާ ނުދިނުމަށާއި ބޯޑަރު ހުރަސްކުރުން މަނާކޮށްފަ އެވެ.

ނިއުކްލިއާ ދެ ބާރުގެ މި ނުތަނަވަސްކަމާ އެކު އދ. އާއި އެކި ގައުމުތަކުން ގެންދަނީ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ އަވަހަށް މައްސަލަތައް ހައްލުކުރުމަށް ގޮވާލަމުންނެވެ.

ކަޝްމީރުގެ މިނިވަން ކަމަށް 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ކުރަމުން އަންނައިރު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ގެންދަނީ މަސްރަހު ގޯސްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމަށް ކުރަމުންނެވެ. އަދި މަސްރަހު ގޯސްވާ ކޮންމެ ފަހަރަކު ހަމަލާ ބަދަލުކޮށް، އަލުން ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވާ ހިސާބަށް ގެންދެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު