ޚަބަރު
ޒަކިއްޔާގެ މަރު ތަހުގީގުކުރަން ކޮމިޝަނެއް އުފައްދަން އާއިލާއިން އެދިއްޖެ
ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ
ބޮޑެތި ޒަހަމްތަކަކާއެކު ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި ސެޕްޓެމްބަރު، 2024، ގައި މަރުވެފައިވާ އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް، އެ މައްސަލަ ތަހުގީގު ކުރަން ހާއްސަ ކޮމިޝަނެއް އެކުލަވައިލުމަށް ޒަކިއްޔާގެ އާއިލާގެ ފަރާތުން އެދެފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގަ އެވެ. އޭނާގެ އާއިލާ އިން ތުހުމަތު ކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، އެ ރަށުގައި އިންސާފަށް ގޮވާލައި ދޭތެރެ ދޭތެރެއިން މުޒާހަރާ ވެސް ދަނީ ކުރަމުންނެވެެ.

ޝަޒިއްޔާ މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް، ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން އިންކުއަރީއެއް ހެދުމަށް ރައީސް މުއިއްޒަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން އެކަމަށް ހާއްސަ ކޮމިޝަނެއް އުފެއްދުމަށް އެދިފައިވެ އެވެ.

ޒަކިއްޔާ ފެނުނުއިރު އޭނާގެ ކަރުގައި އެއް ޒަހަމަށްވުރެ ގިނަ ޒަހަމް ފެންނަން ހުއްޓެވެ. އަދި ބައެއް ޒަހަމްތައް ހުރީ ފުންކޮށް ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނަނީ އެއީ ޒަކިއްޔާ އަމިއްލައަށް ހަށިގަނޑަށް ދީފައިވާ ޒަހަމްތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް އާއިލާ އަދި ރަށުގެ ގިނަ ރައްޔިތުން ބުނަމުންދަނީ ޒަކިއްޔާއަށް އަމިއްލައަށް އެވަރުގެ ޒަހަމްތަކެއް ނުދެވޭނެ ކަމަށެވެ.

"ހޮޅުދޫގެ ރައްޔިތުންނާއި އާއިލާއިން މިތިބީ ފުލުހުން ބުނާހާ އެއްޗެއް ގަބޫލުކުރާ ގޮތަކަށް ނޫން. ބުއްދި ހަމަޖެހޭ ވާހަކަ ދައްކަން ވާނެ. އަމިއްލަ އަށް ކަރުގައިވަޅި އަޅާފައިވާ ކަމަށް ބުނާ ނަމަ ދެ ފަރާތުގައި އަށް ސެންޓިމީޓަރަށް ވަޅި އަޅައިގެން ކަރުގެ ނާރުތައް އަމިއްލަ އަށް ވަކިކޮށްލަނީ ނަފްސާނީ ކޮން ބައްޔަކާހެދި ކަމާއި އެ ބަލީގެ ނަމަކީ ކޮބައިކަން ވެސް ބުނެދޭން ޖެހޭނެ،" އެ ބަޔާނުގައިވެ އެވެ.

ފުލުހުން ދަނީ މައްސަލައިގެ ބަޔާންތައް އޮޅުވާލައި، އިންސާފު ގާއިމް ކުރަން ހުރަސް އަޅަމުން ކަމަށް ވެސް އާއިލާއިން ބުނެ އެވެ.

"އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމަށް ތަކުރާރުކޮށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުން. ޒަކިއްޔާ މަރުވިތާ ހަތް މަސް ފާއިތުވެފައިވާއިރު، ފުލުހުންގެ ފަރާތުން މި މައްސަލާގައި އިންސާފު ގާއިމް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރޭ،" އާއިލާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު