އަލިފުށީ ސިއްހީ މަރުކަޒު، ޒަމާނީ ހޮސްޕިޓަލަކަށް ބަދަލުކުރުން މަޑުޖެހިފައި!
މަރިޔަމް ނަޒްލާ
28 އޭޕްރީލް 2025 - 10:53
0 comments
ރައީސް މުއިއްޒު އަރިހުގައި އަލިފުށީ ދާއިރާގެ މެންބަރު އަބްދުލް ލަތީފް
ރ. އަލިފުށިގައި ހޮސްޕިޓަލް އަޅަން އިންޑިއާގެ ކުންފުންޏަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަވާލުކުރީ 30 މެއި 2022 ގައި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރ. އަލިފުށި ހޮސްޕިޓަލް ޑިޒައިންކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އާ އެވެ.އެ މަސައްކަތުގައި ސޮއި ކުރެއްވީ ހެލްތުގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އާއި އިންޑިއާ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަތުލް ކުމާރު ޖެއިންއެވެ.މިކަމަށް ފައިސާ ހޯދައިފައި ވަނީ އިންޑިއަން އެގްޒިމް ބޭންކުން ބަޔާސް ކްރެޓިޑް ސްކީމްގެ ދަށުން ކަމަށް ހެލްތް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.މި ހޮސްޕިޓަލްގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެން ގޮސް އަވަހަށް ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ވައުދެކެވެ. ރ. އަލިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި 02 މާޗް 2024 ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ އަލިފުށީ ސިއްހީ މަރުކަޒު، ޒަމާނީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.ރައީސް އަލިފުށީ ހޮސްޕިޓަލްގެ މަސައްކަތާއި ގުޅޭ ގޮތުން މިފަދައިން ވިދާޅުވި ފަހުން އެއް އަހަރު ފާއިތުވެގެން ދިޔައިރު މި މަސައްކަތް ކުރެއްވުމަށް ސަރުކާރުން އުޅޭތަނެއް ނުފެނެ އެވެ. ރާއްޖޭގެ ގިނަ ރައްތައް ފަދައިން އަލިފުއްޓަށް ރައީސް ވެވަޑައިގެން ވައުދުތައް ވެސް ވަނީ އަދި ނުފުއްދި އެވެ. އެގޮތުން އަލިފުށީ އެއާޕޯޓްގެ މަސައްކަތާއި އެއާޕޯޓާ އެކު ހިއްކާ ބިން އިތުރުކޮށް ސިނާއީ ސަރަަހައްދެއް ވެސް ގާއިމްކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ވައުދުތަކަށް ވަނީ ޖަވާބު ނުލިބި އެވެ. މިކަމާއި އަލިފުށީ ރައްޔިތުން ތިބީ ކަންބޮޑުވެ ރައީސް މުއިއްޒު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ކެންޕެއިންއަށް އަލިފުޓަށް ވީ ވައުދުތައް ފުއްދާނެ ދުވަހެއްގެ އިންތިޒާރުގައި އެވެ.
ކިޔުންތެރިންގެ ޝުއޫރު