މަސްވެރިނަށް ބީއެމްއެލްއިން ލޯނާއި ކްރެޑިޓް ކާޑު ދޫކުރަނީ
އަހުމަދު ނިހާން
28 އޭޕްރީލް 2025 - 11:30
0 comments
ބީއެމްއެލްއިން މަސްވެރިންނަށް ލޯނާއި ކްރެޑިޓް ކާޑު ދޫކުރަނީ - ފޮޓޯ/ ބީއެމްއެލް
މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ފައިނޭންސިން ފެސިލިޓީތައް ދޭން ފެށުމަށް، އެ ދަފްތަރުގައި ހިމެނޭ މަސްވެރިންގެ މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ބޭންކާ އެކު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފެވެ. ލޯނު ދޫކުރަން ނިންމާފައި ވަނީ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މަސްވެރިންނަށެވެ.ބީއެމްއެލް އިން ބުނީ ދަފްތަރުގައި ތިބި މަސްވެރިންނަށް އެ މީހުންގެ އާމްދަނީއަށް ބިނާކޮށް ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.އެ އިންތިޒާމުގެ ދަށުން ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކިއުޓީއަކާ ނުލައި ތިން ލައްކަ ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ވެސް ނޭގޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ވެސް ހަމަޖައްސައިދޭނެ ކަމަށެވެ.ބީއެމްއެލް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ބީއެމްއެލް ޕާސަނަލް ފައިނޭންސިން އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެ އެވެ.މަސްވެރިންނަށް ބޭންކު ލޯނު މީގެ ކުރިން ލިބެން ނެތުމަކީ އެ މީހުންނަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމެކެވެ. އޭގެ ސަބަބުން ގެދޮރު ހެދުން ފަދަ، ދިރިއުޅުމުގެ ބޮޑެތި ކަންކަމަށް މާލީ ސްކީމްތަކުގެ އެހީ ހޯދުމަށް ދަތިތަކާ އައީ ކުރިމަތިވަމުންނެވެ.އަދި ރަސްމީ މަސައްކަތެއްގެ ގޮތުގައި ބޭންކުތަކުން މި ކަން ބަލައިނުގަންނާތީ، މި މަސައްކަތަށް ނިކުންނަން ވެސް ޒުވާނުން ޖެހިލުންވެއެވެ.
ކިޔުންތެރިންގެ ޝުއޫރު