ފަނޑިޔާރުންގެ ސުލޫކީ މައްސަލައާ ގުޅުން އޮތް ހަނީފަށް ފެނަކައިގެ އިސް މަގާމެއް
އަލީ ރާޒީ
08 މެއި 2025 - 11:07
0 comments
ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ: އޭނާއަށް ފެނަކައިގެ އިސް މަގާމެއް ވަނީ ދީފައި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ހެކިބަސް ދިން، ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފުއަށް ފެނަކައިން މަތީ މަގާމެއް ދޭން ސަރުކާރުން ނިންމާފައިވާކަން އެނގިއްޖެ އެވެ.
ޔަގީންވެފައިވާ ގޮތުގައި ހަނީފަށް ދީފައިވަނީ ފެނަކައިގެ ލީގަލް ޑިޕާޓްމެންޓްގެ އިސް މަގާމެކެވެ. އެ މަގާމަށް ވަޑައިގެންނެވުމަށް ހައި ކޯޓުގެ ވަޒީފާ ދޫކޮށްލެއްވުމަށް ހަނީފް ނޯޓިސް ދެއްވާފައިވާ ކަން އެ ކޯޓުގެ އޮފިޝަލަކު ޔަގީންކޮށް ދެއްވި އެވެ.ހަނީފަކީ ހައި ކޯޓުގައި ގިނަ ދުވަސްވީ މުވައްޒަފެކެވެ. އެނގިފައިވާ ގޮތުގައި ހަނީފު ދެން ވަޒީފާގެ ގޮތުން ގުޅެނީ, ސަރުކާރުތަކުން ގިނަ ބަޔަކަށް ވަޒީފާ ދެމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ ލީގަލް އެފެއާޒް ޑިޕާޓްމެންޓްގެ އިސް މަގާމަކާއެވެ.ހައި ކޯޓު ދޫކޮށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަނީފު ގުޅެން ނިންމިކަމުގެ މައުލޫމާތު ލިބުމުން އޭނާގެ ބަހެއް ހޯދާލުމަށް މި ނޫހުން މެސެޖެއް ކުރި ނަމަވެސް އަދި ޖަވާބެއް ނުދެއެވެ.މިހާރު ޖޭއެސްސީން ބަލަމުން ދަނީ ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވި މައްސަލަ އެވެ.ހަނީފުއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާތީ ސުއޫދުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން ކުރިން ނިންމި އެވެ. އެކަމަކު އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާތީ އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.އޮކްޓޫބަރު، 2022 ގައި ހަނީފު ހާޒިރުކޮށް ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، ސުއޫދާ އެއްގޮތަށް ފަނޑިޔާރު އަޒްމިރާލްދާ އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީ އަށް ފެންނާތީ އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ޖޭއެސްސީން އޮތީ ނިންމައިފަ އެވެ.އެސިސްޓެންޓް ރަޖިސްޓްރާ ހަނީފްއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ބަލަން ފެށީ 2022 ގަ އެވެ. އެކަމަކު، އެ މައްސަލާގައި ކޮމިޝަނުން 2022 އިން ފެށިގެން މިހާތަނަށް ވެސް ވަކި ގޮތެއް ނުނިންމަ އެވެ.ސަރުކާރުގެ މަސްލަހަތު އޮތް ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް, ކުއްލި ގޮތަކަށް ސަސްޕެންޑް ކުރި ތިން ފަނޑިޔާރުންގެ ތެރެއިން ސުއޫދު އިސްތިއުފާ ދެއްވިއިރު އަނެއް ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ އާއި މަހާޒު ވަކި ކުރަން ޖޭއެސްސީއިން ނިންމައި ވަނީ މަޖިލީހަށް ފޮނުވާފައެވެ. ހަމަ ފޮނުވި ދުވަހު, ޕީއެންސީގެ ފުލް ކޮންޓްރޯލް އޮތް މަޖިލީހުން އެ މައްސަލަ އެޖެންޑާކޮށް ވަނީ ބަލަން ފަށައިފައެވެ.ގާނޫނީ ދާއިރާގެ އިސް ބޭފުޅުން އަންނަނީ މި އަމަލަކީ ސީދާ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ކަމަށް ސިފަ ކުރައްވަމުންނެވެ. އަދި ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑް ކުރި މައްސަލައިގައި, ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ޚާއްސަ ރެޕެޓުވާ މާގަރެޓް ސެޓާތުވެއިޓް ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ.
ކިޔުންތެރިންގެ ޝުއޫރު