ޚަބަރު
އިތުރު ދާއިރާތަކުން ރާއްޖެ އާއި ކުވެއިތުގެ ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި
ރާއްޖެއާ ކުވައިތާ ދެމެދު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި --
ރާއްޖެ އާއި ކުވޭތާ ދެމެދު އޮތް ގާތް ގުޅުން އެހެން ދާއިރާތަކަށް ފުޅާކުރުމާ ގުޅޭގޮތުން، ކުވޭތުގެ ވަގުތީ ބޮޑުވަޒީރު އަދި އިންޓީރިއާ މިނިސްޓަރު ޝެއިހް ފަހަދު ޔޫސުފު ސައުދު އަލް ސަބާ އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މަޝްވަރާކުރައްވައިފި އެވެ.

ޚަލީލް މިހާރު ކުވޭތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީ, ކުވޭތުގެ އެކްޓިން ޕްރައިމް މިނިސްޓާ އަދި މިނިސްޓާ އޮފް އިންޓީރިއާ ޝެއިޚް ފަޙަދު ޔޫސުފު ސަޢުދު އަލް-ސަބާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

އެ ޒިޔާރަތުގައި މިނިސްޓަރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ކުވޭތުގެ އަމީރު ޝެއިޚު މެޝަލް އަލް-އަޙްމަދު އަލް-ޖަބިރު، އަލް- ސަބަޙް އަދި ކުވޭތުގެ ލީޑާޝިޕަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

އަދި ރާއްޖެއާއި ކުވޭތާ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރާއްޖޭގެ ތަރައްގީގެ ތަފާތު އެކި މަޝްރޫޢުތަކަށް ކުވޭތު ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ކުވޭތު ލީޑާޝިޕަށާއި، ކުވޭތު ސަރުކާރުގެ އިސްވެރިންނަށް މިނިސްޓަރު ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގްތިސާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ހަލީލު، ކުވޭތުގެ ފޮރިން މިނިސްޓަރާ މަޝްވަރާކުރެއްވި ކަމަށެވެ.

"އަދި މީގެ އިތުރުންވެސް ދެ ޤައުމުގެ މަޞްލަޙަތުތައް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރެއްވުމަށް އޮތް އަޒުމް ދެ ވަޒީރުންގެ މަޝްވަރާތަކުން ހާމަވެގެންދިޔަ އެވެ،" މިނިސްޓްރީން ބުންޏެވެ.

ހަލީލްގެ މި ދަތުރުގައި، ކުވޭތުގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އާއި، މިނިސްޓާ އޮފް އިންވެސްޓްމަންޓް، އަދި މިނިސްޓާ އޮފް ފިނޭންސާ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅަކީ މިމަހުގެ 12 އިން 15 އަށް ކުވޭތުގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ވަޒީރުންނާއި ބައްދަލުކުރައްވާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު