ޚަބަރު
މަސް ގަންނަ އަގު 20ރ. އަށް މަތިކުރާނެކަމުގެ ޔަގީންކަން
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބައިނަލްއަގުވާމީ ބާޒާރުގެ އަގުގައި މަސް ގަންނަ ގޮތަށް މި ސަރުކާރުގައި ބަދަލުކުރި ނަމަވެސް، މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަ ގޮތަށް ބަދަލުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ކެޔޮޅުންނާ ރައީސް މުއިއްޒު އެ އޮފީހުގައި މިއަދު ހެނދުނު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ކެޔޮޅުން މީގެ ކުރިން ރައީސަށް ހުށަހެޅި ކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދަވާތީ ވަރަށް އުފާކުރާ ކަމަށާއި 48 ގަޑިއިރު ތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުން ލިބި، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށް، އެ ބައްދަލުވުމުގައި ކެޔޮޅުން ބުނި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މިއަދުގެ ބައްދަލުވުމުގައި ކެޔޮޅުންގެ ފަރާތުން އެންމެ ބޮޑަށް އެދުނީ މި ސަރުކާރުގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20ރ. އަށް ބަދަލުކޮށްދިނުމަށެވެ. އަދި ފަސޭހަކަމާ އެކު، މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށާއި މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާ ގޮތަށް ބަދަލުކޮށްދޭން ވެސް އެދުނެވެ.

މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދިނުމަށާއި މަސްކިރާ ލޮކޭޝަން އިތުރުކޮށްދިނުމަށާއި ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހަދައިދިނުމަށް ވެސް އެދިފައިވެ އެވެ.

ރައީސްގެ ވައުދާ އެއްގޮތަށް މަސް ގަންނަ އަގު 20ރ. އަށް މަތިކޮށްދެއްވާނެ ކަމަށް ރައީސް އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ބޭންކު ލޯން މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ހަމައެއާއެކު ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ދެއްވި އެވެ. 

ދުނިޔޭގެ ބާޒާރުގައި ހުރި އަގަށް ވުރެ ބޮޑުކޮށް، ކުރީގެ ސަރުކާރުން މަސް ކިލޯއެއް ގަންނަ އަގު 25ރ. އަށް ބަދަލު ކުރުމުގެ ސަބަބުން، މި ސަރުކާރު އައި އިރު، 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދައްކަން އޮތެވެ.

މި ސަރުކާރުން ވަނީ މިފްކޯއިން މަސް ގަންނަ އަގު ދަށްކޮށް، ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅު، އޭރު އޮތް ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުވަރީ މަހު މި ސަރުކާރުން އެ އަގު 20އަށް ދަށްކުރީބއެވެ.

ބާޒާރުގެ އަގަށް މަސް ގަންނަން ފެށުމުން މަހުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. އެގޮތުން ދޮޅު ކިލޯ މަހުގެ އަގު އާންމު ގޮތެއްގައި އަރަނީ 16 ރުފިޔާއަށެވެ.

މީގެ ކުރިން މަސްވެރިންގެ މަސް ކިރުވުމަށް ފަހު ފައިސާ ނުދީ ލަސްވާ މައްސަލައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ވެސް ކޮށްފައިވެބއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު