ޚަބަރު
ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރު ކުރި ރައުދު ބަންދުން ދޫކޮށްލައިފި
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް ދޫކޮށްލައިފި އެވެ.

ފުލުހުން އެދިގެން، ރައުދުގެ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތައް ވަނީ ސިއްރުކޮށްފައެވެ. އެހެންވެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މިހާތަނަށް ސާފުވެފައި ނުވެއެވެ.

ކްރިމިނަލް ކޯޓުން ކުރި ބަންދު އަމުރު އިސްތިއުނާފުކޮށް، ރައުދު ވަނީ ބަންދުން ދޫކޮށްލަން އެދި ހައި ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލައިގައި މިއަދު ހައިކޯޓުން ދައުވާ ފޯމު ބާތިލުކޮށް، ނިންމި ނިންމުމުގައި ވަނީ އިސްތިއުނާފު މައްސަލަ ބެލުމަށް ހަމަޖެހިފައި ވަނިކޮށް، ފުލުހުންގެ ބަންދުގައި ހުރި ރައުދު މިއަދު ހެނދުނު ބަންދުން ދޫކޮށްފައިވާ ކަމަށެވެ.

އެހެންވެ، އިސްތިއުނާފު ބާތިލުކުރުމަށް އެދި ރައުދު ހުށަހަޅާފައިވުމުން، މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން، މައްސަލަ ބާތިލުކުރެއްވީ އެވެ.

އޭނާ މިއަދު ހެނދުނު ބަންދުން ދޫކޮށްލާފައި މިވަނީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސް ހަމަނުވަނީހެވެ. ރައުދު ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.

ޔުމްނުގެ އާއިލާއިން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައުދުގެ އިތުރުން ހަތަރު މީހުން އެ ގޭގައި ތިބި ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައިވެ އެވެ.

ހާދިސާ ހިނގި ރޭ ޔުމްނު އެ ގެއަށް ދިޔައީ، މި މައްސަލައިގައި ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށް ވެސް އޭނާއާ ހަވާލާދީ އާއިލާއިން ބުނެފައިވެ އެވެ.

ނަމަވެސް މި މައްސަލައިގައި މިހާތަނަށް އަދި އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު