ޚަބަރު
އެއްބާރުލުން ނުލިބުމުން ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިއާ ފުލުހުންގެ އެހީ ހޯދަނީ
ހައްވާ ޔުމްނު ރަޝީދު: އާއިލާގެ ފަރާތުން އެއްބާރުލުން ނުދޭތީ އޭނާގެ ބަޔާން ވަނީ ނުނެގިފައި --
ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ)ގެ މައްސަލައިގައި ތަހުގީގަށް އޭނާގެ ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭތީ, އެކަން ކުރަން އޭނާ ފަރުވާ ހޯދަމުންދާ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ހޯދަން, ދިވެހި ފުލުހުން ނިންމައިފިއެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި އޭނާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން އަންނަނީ މެލޭޝިއާގަ އެވެ.

އެ ހާދިސާ އަށް މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔުމްނުގެ އާއިލާގެ އެއްބާރުލުން ލިބުން އޭނާގެ ބަޔާން ނެގުމަށް ފުލުހުން ތައްޔާރަށް ތިބި ކަމަށެވެ.

އެގޮތުން ޔުމްނު މެލޭޝިއާ އަށް ގެންދިޔަ ދުވަހުން ފެސިގެން ދެ ފުލުހަކު މެލޭޝިއާގައި އެބަތިބި ކަމަށާއި އޭގެ ތެރޭގައި މެޑިކަލް ޑޮކްޓަރަކު ވެސް ހިމެނޭ ކަމަށް ބުންޏެވެ.

ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ޔުމްނުއާ ސުވާލު ކުރުމުގެ އިންތިޒާމު، އާއިލާގެ އެއްބާރުލުން ލިބުމާ އެކު ހަމަޖެއްސުމަށް ތައްޔާރުވެފައި ތިބި ކަމަށެވެ. އެގޮތުން، އޭނާ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން އެ ގައުމުގައި ތިބި ކަމަށާއި އޭގެ ތެރެއިން އެކަކަކީ މެޑިކަލް ޑޮކްޓަރެއް ކަމަށް އެ ބަޔާނުގައި ބުނެފައި އެވެ.

"އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަން ފާހަގަކުރަން. އަނިޔާ ލިބުނު އަންހެން މީހާގެ ސިއްހީ ހާލާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާއިރު، މެލޭޝިއާގައި ފަރުވާ ދެމުންދިޔަ ހޮސްޕިޓަލް ބަދަލު ކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައި ނުވޭ،" ފުލުހުން ބުނެފައިވެ އެވެ.

 ޔުމްނު ވެއްޓުނު އިރު އޭނާ އާ އެކު ހ. ފެންޓެނޯއީ ގޭގައި ހުރި ރައުދު އަހުމަދު ޒިލާލު ހައްޔަރު ކުރުމަށް ފަހު މިއަދު ވަނީ ދޫކޮށްލައިފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ.

ޔުމްނުއަށް މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ ވެއްޓުނު ހާދިސާ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ. އެ ކޮމިޝަނުން މިފަހުން ރައުދާ ސުވާލު ވެސް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު