ކުޅިވަރު
ތިލަ އުތުރު ވޮލީ މުބާރާތް: މުރައިދޫން ފެށުން ރަނގަޅުކޮށްފި
ހއ. މުރައިިދޫ އަންހެން ވޮލީ ބޯޅަ ޓީމު - ފޮޓޯ: ހއ. މުރައިިދޫ ކައުންސިލް
ހއ. ހޯރަފުށީގައި މިރޭ ފެށި "ތިލައުތުރު ވޮލީ މުބާރާތް 2025" ގައި ވާދަކުރާ ހއ. މުރައިިދޫ އަންހެން ވޮލީ ބޯޅަ ޓީމުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ. 

މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ފޯރިގަދަ ކުޅުމަކަށް ފަހު ހޯރަފުށީ އަންހެން ވޮލީ ޓީމް އަތުން ސީދާ 3 ސެޓުން މޮޅުވެ މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު މުރައިދޫ އަންހެން ވޮލީ ބޯޅަ ޓީމް ހޯދިއިރު މުރައިދޫ އަންހެން ވޮލީ ޓީމަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެވެ. 

ފުރަތަމަ ސެޓުގައި ފޯރިގަދަ ކުޅުމަކަށް ފަހު މުރައިދޫން ފުރަތަމަ ސެޓު ގެންދިޔައީ 25-18 އިންނެވެ. ދެވަނަ ސެޓް ވެސް މުރައިދޫން ގެންދިޔައީ 25-18 އިންނެވެ. އަދި ފަހު ސެޓްގައި ހޯރަފުށީ އަންހެން ވޮލީ ބޯޅަ ޓީމުން ތަފާތު ހިތްވަރެއް ދެއްކި ނަމަވެސް މުރައިދޫން އެ ސެޓް ގެން ދިޔައީ 25-16 އިންނެވެ. 

ޖުމްލަކޮށް ދެ ޓީމްގެ ހުރިހާ ކުޅުންތެރިން ވެސް ރަނގަޅު ކުޅުމެއް ދެއްކި އިރު މިރޭގެ މެޗްގެ ކްއީން އޮފް ދަ މެޗަކީ މުރައިިދޫ އަންހެން ވޮލީ ބޯޅަ ޓީމު ސުވޭބަތު ހުސެއިން އެވެ.

"ތިލައުތުރު ވޮލީ މުބާރާތް 2025" މި އަހަރު ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ.  

މުބާރާތުގެ ދެ މެޗެއް މާދަމާ ކުޅެން ހަމަ ޖެހިފައިވާއިރު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ހޯރަފުށި އާއި އިހަވަންދޫ އެވެ. ރޭގަނޑު ކުޅޭ މެޗުގައި ދިއްދޫ ނުކުންނާނީ މި ރޭ މޮޅުވި މުރައިދޫއާއި ދެކޮޅަށެވެ.  

ހއ. ހޯރަފުށީގައި ހޯސްޓް ކުރާ މި މުބާރާތުގެ މަގްސަދާއި ގުޅޭ ގޮތުން ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު "ހޯރަ" އަށް ވިދާޅުވީ މި މުބާރާތް ހޯރަފުށީގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ހޯރަފުއްޓަކީ ޒަމާނުންސުރެ ވޮލީއަށް ޝައުގުވެރިވާ ޒުވާނުންތަކެއް ދިރިއުޅޭ ރަށަކަށްވުުން ކަމަށެވެ. 

ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި މި ރޭ ފެށި މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. "ތިލައުތުރު ވޮލީ މުބާރާތް 2025"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު