
ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަަހައްދުގައި އެ އެކްސްޕޯ ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ އެތަނުގައި ހުރި ސްޓޯލްތަކަށް ޒިޔާރާތް ކުރައްވައި އުފެއްދުންތައް ބައްލަވާލައްވައިފަ އެވެ.މި މައުރަޒު ހުޅުވުމުގެ މުނާސަބަތުގައި މިރޭ ވަނީ ފަސް މިނެޓަށް ހަވާ ވެސް އަރުވާފަ އެވެ. އުފެއްދުންތެރިކަމުގެ މައުރަޒުގައި އެތައްސަތޭކަ ދިވެހި ފަންނުވެރިންގެ ހުށަހެޅުންތައް އެއް ތަނަކުން ފެންނާނެ އެވެ. ތިން ސަތޭކައަށް ވުރެ ގިނަ ބައިވެރިން 14 ކެޓަގަރީއަކުންނާއި 82 ސަބް ގިންތިން މި މައުރަޒުގައި ބައިވެރިވިއިރު، އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.މިރޭ ފެށީ، މި މައުރަޒުގައި 3،000އަށްވުރެ ގިނަ ހުށަހެޅުންތައް ބައިވެރިކޮށްފައިވާއިރު، އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ބ. ތުޅާދޫންނެވެ.މި މައުރަޒުގައި ދިވެހި ބޭސްވެރިކަމާއި ގަހަނާއާއި ދިވެހީންގެ ތަފާތު ހުނަރުތަކާ އުފެއްދުންތައް ފެންނާނެ އެވެ.މިމަހުގެ ނިޔަލަށް މައުރަޒު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 04:00 އިން 06:00އަށާއި ރޭގަނޑު 8:00 އިން 11:00ގެ ނިޔަލަށެވެ.މި މައުރަޒުގައި ކްރިއޭޓިވް އިކޮނޮމީއާއި އެންޓަޓައިންމަންޓާއި މާކެޓު ޕްލޭސް ޑިސްޓްރިކްޓެއް ހިމެނެއެވެ. އެއާއެކު، ގިނަ އަދަދެއްގެ އާންމުން ވަނީ މި ހަރަކާތަށް ޒިޔާރަތްކޮށްފައެވެ.