ޔުމްނުގެ ބަޔާން ނަގަން ރަސްމީކޮށް ފުލުހުން ނޭދޭ: އާއިލާ
ހަސަން ހަލީމް
24 މެއި 2025 - 20:19
0 comments
އޭޕްރިލް 18 ވަނަ ދުވަހުގެރޭ ހ. މިޓާޒްގޭ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު
އޭޕްރިލް 18 ވަނަ ދުވަހުގެރޭ ހ. މިޓާޒްގޭ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނަގަން ފުލުހުންގެ ހިދުމަތުގެ ފަރާތުން މިހާތަނަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށާއި ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް ޖަވާބުދާރީ ވާނެ ކަމަށް ޔުމްނުގެ އާއިލާއިން ބުނެފި އެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް އޭނާއާ ސުވާލު ކުރުމުގެ ފުރުސަތު ފުލުހުންނަށް އާއިލާގެ ފަރާތުން ފަހިކޮށްދީފައި ނުވާތީ، މެލޭޝިއާގެ ފުލުހުން މެދުވެރިކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފަ އެވެ. ޔުމްނުގެ އާއިލާއިން ފުލުހުންނަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އެ އައިލާއިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނެ ހެދީ ދޮގެއް ކަމަށެވެ. އެ ސިޓީގައި ބުނީ އެ ހާދިސާގެ ތަހުގީގަށް ހުރަސް އެޅޭ ފަދަ އެއްވެސް އަމަލެއް އެ އާއިލާއިން ނުކުރާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް ނުކުރާނެ ކަމަށެވެ."ހައްވާ ޔުމްނު ރަޝީދުގެ ބަޔާނެއް ނެގުމަށްޓަކައި ރަސްމީ ގޮތެއްގައި މިހާތަނަށް ވެސް ތިޔަ ހިދުމަތުން އާއިލާއަށް އަންގައިފައެއް ނުވެ އެވެ، ފުލުހުންގެ ހިދުމަތުން ހައްވާ ޔުމްނު ރަޝީދުގެ ބަޔާނެއް ނެގުމަށްޓަކައި ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް އާއިލާގެ ފަރާތުން ޖަވާބުދާރީ ވާނެ ކަމުގައި ދަންނަވަމެވެ،" ޔުމްނުގެ އާއިލާގެ ސިޓީގައި ބުންޏެވެ.ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު އެންމެ ކުރީކޮޅު ފުލުހުން ގެންދިޔަ ގޮތުން އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އާއިލާއަށް ގެއްލިފައިވާ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ. ނަމަވެސް ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމަށް އެ އައިލާއިން ބުންޏެވެ.ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ފުލުހުންގެ އިހުމާލުތަކުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް ރައީސް މުހައްމަދު މުއިއްޒު ވަނީ މައްސަލަ ބެލުމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް ވެސް އެކުލަވާލައިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު