ތިލަ އުތުރު ވޮލީ މުބާރާތް: އިހަވަންދޫގެ ފެށުން ކާމިޔާބު
އިސްމާއިލް ރިޒާ
24 މެއި 2025 - 20:03
0 comments
އިހަވަންދޫ އާއި ހޯރަފުށި މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން - ފޮޓޯ: ހޯރަފުށީ ކައުންސިލް
ހއ. ހޯރަފުށީގައި ރޭ ފެށި "ތިލައުތުރު ވޮލީ މުބާރާތް 2025" ގައި މިއަދު ހަވީރު އިހަވަންދޫ އަންހެން ވޮލީ ބޯޅަ ޓީމް ސީދާ ތިން ސެޓުން ހޯރަފުށީ އަންހެން ވޮލީ ބޯޅަ ޓީމު ބަލިކޮށްފި އެވެ.
ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި މިއަދު ހަވީރު ހޯރަފުއްޓާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓު 25-7 އިން ގެންދިޔައީ އިހަވަންދޫ އެވެ. އަދި ފަހު ދެ ސެޓް ވެސް އިހަވަންދޫން ގެންދިއައީ 25-14 އަދި 25-22 އިން ނެވެ. މިއަދު މެޗްގެ ކްއީން އޮފް ދަ މެޗަކީ އިހަވަންދޫ އަންހެން ވޮލީ ބޯޅަ ޓީމު އައިޝަތު ނައުޝަތު އެވެ. ހޯރަފުށި އަންހެން ވޮލީ ބޯޅަ ޓީމް މި މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ، އެގޮތުން ރޭ މުބާރާތުގެ ފުރަތަމަ މެޗުގެ ފުރަތަމަ ސެޓުގައި ފޯރިގަދަ ކުޅުމަކަށް ފަހު މުރައިދޫން ފުރަތަމަ ސެޓު ގެންދިޔައީ 25-18 އިންނެވެ. ދެވަނަ ސެޓް ވެސް މުރައިދޫން ގެންދިޔައީ 25-18 އިންނެވެ. އަދި ފަހު ސެޓްގައި ހޯރަފުށީ އަންހެން ވޮލީ ބޯޅަ ޓީމުން ތަފާތު ހިތްވަރެއް ދެއްކި ނަމަވެސް މުރައިދޫން އެ ސެޓް ގެން ދިޔައީ 25-16 އިންނެވެ. "ތިލައުތުރު ވޮލީ މުބާރާތް 2025" މި އަހަރު ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ. މުބާރާތުގެ މެޗެއް މިރޭ ވެސް ކުޅޭނެ އެވެ. މިރޭ ދިއްދޫ ނުކުންނާނީ ރޭ މޮޅުވި މުރައިދޫއާއި ދެކޮޅަށެވެ. ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި މި ރޭ ފެށި މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. "ތިލައުތުރު ވޮލީ މުބާރާތް 2025"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.
ކިޔުންތެރިންގެ ޝުއޫރު